- Advertisement -ad image

ބަޖެޓުން މީޑިއާއަށް ފައިސާ ކަނޑައަޅާނެ، ނޫސްވެރިންނަށް ހިލޭ ސްކޯލަރޝިޕް ލިބޭނެ: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ނޫސްވެރިކަމުގެ ދާއިރާގެ ކޯސްތަކުގައި ކޮންމެ އަހަރަކުވެސް ވަކި އަދަދަކަށް ހިލޭ ސްކޮލަޝިޕް ދީގެން ކިޔެވޭނެ އިންތިޒާމް ފަހިކޮށްދެއްވާނެކަމަށާއި މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
“ނޫސްވެރިންގެ ގުންޒަރު” ނަމުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މިނިވަންކަމާ އެކު ނޫސްވެރިކަން ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލިސް ތެރެއިން މަސައްކަތްތަކެއް ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
މިހަފްލާގައި ނޫސްވެރިން ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދިމާވާ ގޮންޖެހުންތަކާއި، މި ދާއިރާ ތަރައްޤީކުރަން ބޭނުންވާ ގިނަ ޚިޔާލުތަކެއް އިންތިޚާބީ ރައީސާއި ހިއްސާކުރައްވާފައެވެ. އެގޮތުން ނޫސްވެރިން ހިއްސާކުރި ކަންބޮޑުވުންތަކުގެ ތެރޭގައި އަމިއްލަ މީޑިއާތައް ހިންގުމަށް ތަންތަން ކުއްޔައް ހިފުމުގެ ސަބަބުން ކުރަންޖެހޭ ބޮޑު ހޭދަ ފާހަގަކުރިއެވެ. އަދި ނޫސްވެރިންނަށް ތަމްރީނާ ހުނަރު ދަސްކޮށްދިނުމުގައި ހުރި ދަތިތަކާއި، މީޑިއާ ހިންގުމަށް ދިމާވާ މާލީ ދަތިތައްވެސް ނޫސްވެރިން ފާހަގަކުރިއެވެ. އަދި މިހާރަށްވުރެ ދެފުށް ފެންނަ އަދި ހަމަހަމަ ފުރުސަތުތަކެއް މީޑިއާތަކުގެ މެދުގައި ޤާއިމުކޮށްދެއްވުމަށްވަނީ އެދިފައެވެ.


އެކަންކަމަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މީޑިއާތައް ހިންގުމަށް ބޮޑު ހޭދައެއް ކުރަންޖެހުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި އެއީ އެއް ދުވަހުން ހައްލު ގެނެވޭނެކަމެއް ނޫންކަން ފާހަގަކުރައްވަމުން އިންތިޚާބީ ރައީސް ވަނީ އެކަމަށް ޚާއްޞަ ޕްލޭނެއް އެކުލަވާލައްވައި ޙައްލު ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން މާލެ ސަރަހައްދުން އެކަށީގެންވާ ފެސިލިޓީއެއް ގާއިމްކުރުމުގެ ގޮތުން، މީޑިއާ ވިލެޖެއް ގާއިމްކޮށްދެއްވާނެކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.
ނޫސްވެރިންނަށް ތަޢުލީމާއި ހުނަރުގެ ފުރުޞަތުތައް ފަހިކޮށްދެއްވުމާއި ގުޅޭގޮތުން އިންތިޚާބީ ރައީސް ވިދާޅުވީ، ނޫސްވެރިކަމުގެ ދާއިރާގެ ކޯސްތަކުގައި ކޮންމެ އަހަރަކުވެސް ވަކި އަދަދަކަށް ހިލޭ ސްކޮލަޝިޕް ދީގެން ކިޔެވޭނެ އިންތިޒާމް ފަހިކޮށްދެއްވާނެކަމަށެވެ. މިއީ މިދާއިރާގައި ތަޢުލީމީ ނޫސްވެރިން އުފެދިގެންދާނެ ކަމެއްގެ ގޮތުގައި އިންތިޚާބީ ރައީސް ފާހަގަކުރެއްވިއެވެ. އަދި މީޑިއާއަށް އޮތް މާލީ ދަތިކަން ހައްލު ކޮށްދެއްވުމުގެ ގޮތުން ފައިސާ، އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް މަސައްކަތްކުރައްވާނެކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިހާރުވަނީ މަޖިލީހަށް ހުށައަޅާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ