އިންތިހާބީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާއަދާކުރާ ދިވެހި މުވައްޒަފުންނަށް ހާއްސަ ޝޯސަލް ހައުސިން ކެޓަގަރީއެއް ކަނޑައަޅަން ނިންމައިފިއެވެ.
އެގޮތުން ޑރ މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ސާދަ ހަފުތާގެ ޕްލޭންގައި ގެދޮރުވެރިކަމާއި އުމުރާނީ ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް މުޅިރާއްޖޭގައި ހިންގުމަށް ވަނީ ކަނޑައަޅާފައެވެ.
މީގެއިތުރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް %5 އިންޓަރެސްޓްގައި ތައާރަފްކުރާ ލުއި ލޯނާބެހޭ ސިޔާސަތު އެކުލަވާލައި އާންމުކުރުމާއެކު، ރަށްރަށުގައި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓާއި ރޯހައުސްތަކަށް މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުމަށް ނިންމާފައިވެއެވެ.
އަދި ބޯހިޔާވަހިކަމަށް އެޕްލިކޭޝަން ހުށަހެޅުމާއެކު، އެޕްލިކޭޝަންގެ ދަރަޖަ ވަގުތުން އެނގޭގޮތަށް ފަރުމާކޮށްފައިވާ ” ހައުސިން އެޕްލިކޭޝަން ޕޯޓަލް” ގަާއިމްކުރުން ހިމެނެއެވެ. އަދި ސިނަމާލެއާއި މާލެހިޔާ ފްލެޓުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ޚާއްސަކޮށް ބޯހިޔާވަހިކަމުގެ އައު މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށްޓަވާނެކަންވެސް ހިމަނާފައިވެއެވެ.
ހަމައެއާއެކު ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެމަނިކުފާނުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ބޯހިޔާވަހިކަމަށް ޚާއްސަ ” ގެދޮރުވެރިކަމުގެ ޓްރަސްޓް ފަންޑް” އެއް ގާއިމްކޮށް އެކަމަށް ބޭނުންވާ އޮނިގަނޑު އެކުލަވާލަން ވަނީ ނިންމާފައެވެ.
ބިމުގެ މިލްކުވެރިކަން ނުވަތަ “ކޮންވެޔަންސިން” އާ ބެހޭ ބައިތައް ފުރިހަމައަށް ހިމެނޭހެން ބިމާބެހޭ ގާނޫނު އިސްލާހުކުރުމަށް ބިމެއް ޑްރާފްޓްކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ވެސް ނިންމާފައިވެއެވެ. ހަމައެހެންމެ ބޯހިޔާވަހިކަމަށް ޚާއްސަކޮށްގެން ހިއްކަން ކަނޑައަޅާފައިވާ ފުށުދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފަށައި، ރާއްޖޭގެ އުތުރާއި، ދެކުނުގައި ބޮޑެތި އާރބަން ސެންޓަރުތަކެއް ގާއިމްކުރުމަށް ބޭނުންވާ ސިޔާސަތުތައްވެސް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.