- Advertisement -ad image

މި ފެށުނު ދައުރުގެ ސިޔާސަތަކަށް ވާނީ، ޢުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުން ވަޒަން ހަމަކޮށް ކުރިއަށް ގެންދިޔުން – ރައީސް

ad image

ގުޅުންހުރި ލިޔުންތައް


މި ފެށުނު ރިޔާސީ ދައުރުގެ މުހިންމު އެއް ސިޔާސަތަކަށް ވާނީ، ޢުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުން ވަޒަން ހަމަކޮށް ކުރިއަށް ގެންދިޔުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން، ދެއްވި ފުރަތަމަ ތަޤުރީރުގައެވެ. އެމަނިކުފާނު ތަޤްރީރުކުރެއްވީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވެވި ހުވައި ކުރުމުގެ ރަސްމިއްޔާތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިއީ އެތައް ޒަމާންތަކަކަށްފަހު، ދިވެހީން ދިވެހީންގެ ރާއްޖެއަށް އަލުން އެނބުރި ދިޔުމުގެ ޚާއްޞަ ދަތުރަށް ފެށުނު ދުވަސްކަން ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރައްވާނީ ޢިލްމާއި ހުނަރާއި އަޚްލާޤާއި ދީން އަދި އުޅުންތެރިކަމާއި މަސައްކަތްތެރިކަން ދިވެހި ދަރީންގެ ކިބައިގައި އަށަގެންނެވުމާއެކު ރާއްޖޭގެ ބިނާވެށްޓަށް އިންޤިލާބީ މުއްސަނދިކަމެއް ގެނެސްދެއްވުމަށް ކަމުގައެވެ.

ހަމައެހެންމެ، ރާއްޖޭގެ ބާރުތަކުގެ މިނިވަންކަން ކަށަވަރުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށާއި ސަރުކާރު ފެށުމާއެކު ޚާއްޞަކޮށް ޝަރުޢީ ދާއިރާއަށް ސަރުކާރުން ނުފޫޒުފޯރުވުން ނިމުމަކަށް އަންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި އެމަނިކުފާނު ސަރުކާރާ ހަވާލުވެ ވަޑައިގަންނަވާއިރު ދައުލަތުގެ ދަރަނި ޖުމުލަ 119 ބިލިއަން ރުފިޔާއަށް އަރާފައިވާކަމުގައި ވިދާޅުވިއެވެ. އަދި، މިއީ ރާއްޖޭގެ މުޅި މާލީ ޙަޔާތުގައިވެސް ތާރީޚު ދުށް އެންމެ ބޮޑު ދަރަނިކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ކަންއެހެން އޮތް ނަމަވެސް އިޤްތިޞާދީގޮތުން ރާއްޖެ ވެއްޓިފައިވާ ފުންވަޅުގަނޑުން އަރައިގަނެވޭނެ ކަމުގެ އިތުރުބާރާއެކު ހުންނެވިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، މިކަމުން އަރައިގަތުމަށް ހަރުދަނާ، ހަލުވި ފިޔަވަޅުތަކެއް އެމަނިކުފާނުގެ ސަރުކާރުން އަޅުވާނެކަމަށްވެސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢުގެ މަސައްކަތް ނިންމައި، ޒަމާނީ އާ ޓަރމިނަލް އަވަހަށް ހުޅުވައި ފަތުރުވެރިކަމަށް އިތުރު މުއްސަނދިކަން ގެނެސްދެއްވުމާއި ޚަރަދު ކުޑަކުރެވޭނެ އާ ގޮތްތައް އީޖާދުކުރެއްވުން ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަކީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ އުސް އެއް ތަނބުކަމާއި އެމަނިކުފާނުގެ ސަރުކާރުގައި އެދާއިރާއަށް ވަރަށްބޮޑު އިސްކަމެއް ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް ފަތުރުވެރިކަމާ ގުޅުންހުރި ޒަމާނީ އާ ގޮތްތައް ތަޢާރުފުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޚިދުމަތްތެރީންނަށް ގެދޮރުވެރިކަން ހަމަޖައްސައިދެއްވުން ފަދަ، ދިރިއުޅުމުގެ އިތުރު ލުއިފަސޭހަތައް އެމަނިކުފާނުގެ ސަރުކާރުން ފަހިކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން، ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ސިޔާސަތު ކުރިޔަށްގެންދަވާނެ ގޮތަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފެށުނު ރިޔާސީ އާ ދައުރާއެކު ދިވެހިންނަށް ބިންވެރިކަމާ ގެދޮރުވެރިކަމުގެ ރަންޒަމާނެއް ގެނެސްދެއްވާނެ ކަމުގައެވެ. އެގޮތުން، އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރު ފަޅާ ހަމައަށް، އެންމެ ޒަމާނީ އާ ސަހަރުތައް ބިނާކުރެވިގެންދާނެކަމާއި އެކަމުގެ ލިޔެކިޔުމާއި ކުރެހުންތައް ފަދަ މަސައްކަތްތައް މިހާރު ނިމިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ