- Advertisement -ad image

އިމާމުންނަށް ބޭރުގެ ޔުނިވަރސިޓީއަކުން ޕީއެޗްޑީ ހެދުމުގެ މަޝްރޫއެއް ވަރަށް އަވަހަށް އިއުލާނުކުރާނެ: ޑރ ޝަހީމް

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ ތެރެއިން، އިސްލާމީ ޢިލްމުގެ ދާއިރާއަކުން މާސްޓަރ ޙާޞިލްކޮށްފައިވާ ފަރާތްތަކަށް ބޭރުގެ ޔުނިވަރސިޓީ އަކުން ޕީއެޗްޑީ ހެދުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޝްރޫޢެއް ވަރަށް އަވަހަށް އިޢުލާންކުރާނެ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީ އާއި ޝަހީމު ހަވާލުވެވަޑައިގަތީ ރޭގެ ވަގުތެއްގައެވެ. މިހާތަނަށް ޑރ ޝަހީމް ވަނީ އެމިނިސްޓްރީން ގިނަ ކަންތައްތަކެއް އިއުލާނު ކުރައްވައިފިއެވެ. އެގޮތުން ޑރ ޝަހީމް ވިދާޅުވީ މިޞްރާއި ސަޢުދީ އަރަބިއްޔާއާއި މެލޭޝިޔާއާއި ބުރޫނާއި އަދި އިންޑޮނޭޝިޔާއިން ތަމްރީނުގެ ފުރުޞަތު އިމާމުންނަށް ހޯދައިދެވޭނެ ކަމަށެވެ.
ޝަހީމް އިތުރަށް ވިދާޅުވީ ފެށިގެން މިދިޔައީ އިސްލާމީ ދަޢުވަތުގެ އައު މަރުޙަލާއެއްގެ ފެށުން ކަމަށެވެ.
‏އަދި މި ފެށުނު އައު މަރުޙަލާއާއެކު، އެއްބައިވަންތަކަމާއި، ވިސްނުންތެރިކަމާއި، ވަފާތެރިކަމުގެ ރޫޙުގައި އެއްބައެއްގެ ގޮތުގައި މަސައްކަތްކޮށް ޤައުމު ކުރިއެރުވުމަށް މަސައްކަތްކުރައްވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

މީގެއިތުރުން ތިނަދޫ ސިޓީގައި ޤާއިމުކޮށްފައިވާ އިސްލާމީ މަރުކަޒުގައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކޯސްތައް ހިންގުމަށްވެސް ސަރުކާރުން ވަނީ ހަމަޖައްސަވައިފައެވެ.

ޑރ. ޝަހީމް ވިދާޅުވީ، ތިނަދޫގައި ޤާއިމުކޮށްފައިވާ އިސްލާމީ މަރުކަޒުގެ ޢިމާރާތް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކޯސްތައް ހިންގުމަށް ޚާއްސަ ކެމްޕަހެއްގެ ގޮތުގައި އަންނަ އަންގާރަ ދުވަހު ހަމަޖައްސަވާނެކަމަށެވެ. އެގޮތުން އެ މަރުކަޒު އައީޔޫއެމްއާއި ޙަވާލުކުރައްވާނެކަމަށް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.
ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ ޢިލްމު އުނގެނުމަށް ބޭނުންވާ ދަރިވަރުންނަށް ރާއްޖޭގެ ދެކުނުން ތިނަދޫ ސިޓީގައި އެ ފުރުޞަތު ފަހިކޮށްދެއްވާނެކަމަށެވެ. އަދި ދީނީ ޢިލްމު ހޯދުމަށް މާލެއަށް ބަރޯސާ ވާންޖެހުން ހުއްޓުކަމަށް ގެންނަވާ ތިނަދޫ އިސްލާމީ މަރުކަޒަކީ އިސްލާމީ ޙަޟާރަތާއި ޘަޤާފަތް ކުރިއަރުވާނެ ފަދަ މަރުކަޒަކަށް ވެގެންދާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ