- Advertisement -ad image

މަސައްކަތް ކުރާނީ ރާއްޖެއަށް އެންމެބޮޑު އާމުދަނީއެއް ލިބޭނެ ސިނާޢަތަކީ މަސްވެރިކަން ކަމުގައި ހެދުމަށް: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖެއަށް އެންމެބޮޑު އާމުދަނީއެއް ލިބޭނެ ސިނާޢަތަކީ މަސްވެރިކަން ކަމުގައި ހެދޭނެގޮތަށް ވިސްނުންފުޅު ބަހައްޓަވައިގެން، އެ ސިނާޢަތުގެ ތަރައްޤީ ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އިންތިޒާމުކޮށްގެން ބޭއްވި “މަސްވެރިންގެ ގުންޒަރު 2023″ގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ ރާއްޖެއަށް ލިބޭ ބޭރުގެ އެހީތަކުގެ ތެރެއިން ބައެއް، މަސްވެރިކަން ތަރައްޤީކުރުމަށް ހޭދަކުރައްވާނެ ކަމަށެވެ. މަސްވެރިންގެ ޝުޢޫރުތަކާ، ސުވާލުތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ މަސްވެރިކަން ވަރަށް ކުރިއަށް ގެންދެވުމަށް ކަމުގައި ވިދާޅުވިއެވެ. އެގޮތުން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ތެރެއިން ޖާގަ ލިބޭ އެންމެ ބޮޑު ސަރަޙައްދަކަށް މަސްވެރިކަން ފުޅާކުރެއްވުމާ، މަސްވެރިކަމުގެ ނަފާ އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ފެކްޓްރީތަކާއި ކޯލްޑް ސްޓޯރޭޖް ފަދަ ވަޞީލަތްތައް ގިނަ ކުރެއްވުމާ، މަހުގެ އުފެއްދުންތައް އިތުރުކުރެއްވުމަށް ސަރުކާރުން އިސްކަން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަސްވެރީންގެ ސުވާލުތައް މައިގަނޑު ގޮތެއްގައި ބިނާކުރެއްވި ގިނަ ކަންކަމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމަނުއްވައިގެން ކޮށްދެއްވާނެކަމަށް ވިދާޅުވެފައިވާ ކަންތައްތައްކަން ފާހަގަކުރެއްވިއެވެ. އަދި އެއިން ކޮންމެ ވަޢުދަކީ ފުއްދަވާނެގޮތް ހޯއްދަވައިގެން ވެވަޑައިގެންނެވި ވަޢުދުތައްކަން ފާހަގަކުރައްވައި، އެކަންކަން ކޮށްދެއްވާނެކަމުގެ ޔަޤީންކަން ތަކުރާރުކުރެއްވިއެވެ.

މަސްވެރީންނަށް ސަރުކާރުން ނުދީ އެތައް ދުވަހެއް ވެފައިހުރި ފައިސާ، މި ސަރުކާރު ވެރިކަމާ ހަވާލުވެ މިވީ 3 ހަފުތާގެ ތެރޭގައި ދެއްވަން ފަށްޓަވައިފިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު މަސްވެރީންނަށް ނުދެވި ހުރީ 140 މިލިއަނެއްހައި ރުފިޔާ ކަމަށެވެ. އަދި މި ފައިސާވެސް ވީ އެންމެ އަވަހަކަށް މަސްވެރީންނަށް ދޫކުރެއްވުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި ގުންޒަރުގައި ރާއްޖޭގެ ހުރިހާ ސަރަޙައްދަކުންވެސް މަސްވެރީން ބައިވެރިވެއެވެ.

މަސްވެރީންގެ ގުންޒަރުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވަނީ، ޑިސެމްބަރު 10 ވަނަ ދުވަހުގެރޭ ބާއްވަވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި، މަސްވެރިކަމުގެ ދާއިރާއަށް މުހިންމު ގިނަ ކަންތައްތަކެއް ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރައްވާނޭކަން ހާމަކުރައްވައިފައެވެ. އަދި މަސްވެރިކަމުގެ ސިނާޢަތަކީ ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާ ސިނާޢަތެއްކަން ފާހަގަކުރައްވައި، މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ހުށަހެޅުއްވި ފުރަތަމަ ކަރުދާހަކީ، އަދި ވަޒީރުންގެ މަޖިލީހުން ފުރަތަމަ ނިންމެވި ނިންމެވުމަކީވެސް މަސްވެރިކަމާ ގުޅުންހުރި ނިންމެވުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ