- Advertisement -ad image

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ޤާއިމުކުރެއްވުމަށް ނިންމަވާފައިވާކަން ރައީސް އިއުލާނު ކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ޤާއިމުކުރެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަ ކުރެއްވީ ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ހާއްސަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ޤާއިމުކުރައްވާ ފިޝަރީޒް ކޮލެޖް ޤާއިމުކުރައްވާނީ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެންކަމަށާއި އެކަމުގެ އިދާރީ މަސައްކަތް ސަރުކާރުގެ ހަފުތާ 14 ގެ ތެރޭގައި ހިނގަމުންދާކަމަށެވެ. މީގެ އިތުރުން މަސްވެރިކަންކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން 1 ފަޅުވެރިޔަކު “ރެސްކިއު ޑައިވަރ” ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކައި ހާއްސަ ތަމްރީނު ޕްރޮގްރާމެއްގެ ފުރުޞަތު ފަހިކޮށްދެއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސަރުކާރުގެ މެނިފެސްޓޯގައި މަސްވެރިންނަށް ހާއްސަ އިސްކަމެއް ދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ. މިގޮތުން ދިވެހިރާއްޖޭގައި ބާނާ މަހުގެ އުފެއްދުންތަކަށް ބޭރުގެ ބާޒާރުގައި މަތީ އަގު ހޯދުމަށް ކުރައްވާ މަސައްކަތުގެ ދަށުން، ރާއްޖޭގައި ބާނާ މަސް ގަންނާނެ އިތުރު ބާޒާރުތައް ހޯދައި މާކެޓްކޮށް، ޕްރޮމޯޓް ކުރުމަށް ޚާއްޞަ އެޖެންސީއެއް އުފެއްދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި އެޖެންސީގެ ދަށުން ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތަޢާރަފުކޮށް އެ ބްރޭންޑް ބޭރު ޤައުމުތަކުގައި އިޝްތިހާރުކޮށް މާކެޓް ކުރެވިގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަސްވެރިންގެ ލާބައާއި މަންފާއަށް ސަރުކާރުން މިހާރު ފަށްޓަވާފައިވާ ބައެއް ކަންކަމާއި ކުރިއަށް ރާވާފައިވާ އެކި ކަންކަމުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފުލާގައި ވަނީ ފާއިތުވި އަހަރު މަސްވެރިކަމުގެ ސިނާޢަތުގައި އަދި މަސްވެރިކަމާ ގުޅުންހުރި ކަންކަމުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯއްދަވާފައިވާ ފަރާތްތަކަށާއި މަސްވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ އެކިއެކި ޚިދުމަތްތައް ކުރައްވާފައިވާ 19 ފަރާތަކަށް މަސްވެރިންގެ ދުވަހުގެ ހާއްސަ އިނާމުތައް ހަވާލުކޮށްދެއްވާފައެވެ. މި ފަރާތްތަކާ އިނާމުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ