ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާއި ޙަވާލުވެވަޑައިގެން ތުރުކީވިލާތަށާއި، ޔުނައިޓެޑް ޢަރަބް އެމިރޭޓްސް، ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅަށް ދައުލަތުގެ ބަޖެޓުން ޚަރަދުވީ 3.4 މިލިއަން ރުފިޔާކަމަށް ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުގެ ޚަރަދުތައް އެދަތުރެއް ނިންމަވައި ވަޑައިގަންނަވާތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ހާމަ ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާއި ޙަވާލުވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ފުރަތަމަ ޤައުމަކަށް ވަޑައިގަތީ ތުރުކީވިލާތަށެވެ. އެއީ ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު ޢުރުދުޣާންގެ ދަޢުވަތަށް ކުރެއްވި ރަސްމީ ދަތުރުފުލެކެވެ. އެއަށްފަހު އެމަނިކުފާނުވަނީ ދުނިޔޭގެ އެންމެ ބޮޑު ތިމާވެށީގެ ސަމިޓުކަމަށްވާ މިއަހަރުގެ ކޮޕް28 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށްވެސް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.
މިދެދަތުރުފުޅުގެ ތަފްސީލް ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބު ވިދާޅުވީ، މި ދެ ދަތުރުފުޅަށް ދިވެހި ދައުލަތުން 3.4 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށެވެ.
ތުރުކީވިލާތައި ޔޫއޭއީ ދަތުރުފުޅުގައި ދިވެހި ސަރުކާރުން ޚަރަދުކުރެއްވި މިންވަރު ތަފްސީލްކޮށްދެއްވަމުން ޝަހީބު ވިދާޅުވީ ތުރުކީވިލާތަށް ވަޑައިގެންނެވި ވަފްދުގެ 22 ބޭފުޅުންގެ، އެތެރޭގެ ދަތުރުތަކާއި ހުރުމާއި ކެއުމުގެ ކަންކަން ހަމަޖައްސަވާދެއްވީ ތުރުކީވިލާތުގެ ސަރުކާރުންކަމަށެވެ.
ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި 19 ބޭފުޅުންގެ ތެރެއިން 10 ބޭފުޅެއްގެ ޚަރަދުތައް ހަމަޖައްސަވާދެއްވީ ޔޫއޭއީ ސަރުކާރުންކަމަށްވެސް ޝަހީބު ވިދާޅުވިއެވެ.
ޝަހީބު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގެ ޓިކެޓް ޚަރަދާއި ޕޮކެޓްމަނީ އަދި އެނޫންވެސް ޚަރަދުތަކާއި އެޤައުމުތަކުން ހަމަޖައްސައި ދެއްވި ކަންކަމުގެ ތަފްޞީލުތައް ވެސް ދެއްވާފައެވެ.



