ހުރަވީ ދުވަހަކީ ދިވެހި ދައުލަތުގެ ދިފާޢުގައި ކުރެވުނު މަތިވެރި ޖިހާދަކުން ދިވެހިންނަށް ނަޞްރު ލިބުނު ދުވަސްކަމަށާއި އެގޮތުން މިހާދިސާއަށް މީލާދީ ގޮތުން 270 ވަރަކަށް އަހަރު ވެފައިވާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ހުރަވީ ދުވަސް ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ދިވެހި ދައުލަތަށް ހަތަރު ހާހެއްހާ އަހަރު ވެފައިވާއިރު އަބަދުވެސް ގަބޫލުކުރީ އަމިއްލަ މިނިވަންކަމާއި އަމިއްލަ އިސްތިޤްލާލާއި އަމިއްލަވަންތަކަން ކަމަށެވެ. ވަޒީރު ވިދާޅުވީ މި ސަރަހައްދުގައި އޮތް އެންމެ ދުވަސްވީ ދައުލަތަކީ ދިވެހި ދައުލަތްކަމަށެވެ. އެގޮތުން ދުނިޔޭގެ ތާރީޚުގައި ދައުލަތްތަކުގެ ވެރިކަން ކުރި ރަށްރަށަށް ބަލާއިރު، މެދުނުކެނޑި އެންމެ ގިނަ ޒަމާންވަންދެން ވެރިކަންކުރި ރަށްރަށުގެ ތެރޭގައި ދިވެހި ރާއްޖޭގެ ފުރަ މާލެ ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ދިވެހީންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި އަމިއްލަ ޙަޟާރަތެއްގެ ވެރި ބައެއްކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ކުތުބުޚާނާތަކުން ދިވެހީންނާ ބެހޭ ފަތްފުށްތައް ހޯދުނުވަރަކަށް މި ޙަޤީޤަތް އިތުރަށް ސާފުވަމުންދާނެކަމަށެއެވެ.
ވަޒީރު ވިދާޅުވީ ޤައުމިއްޔަތު ދިރުވާ އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިފެއްޓެވި މަސައްކަތަށް ޝުކުރުއަދާކުރެއްވިއެވެ.



