އެކިކަހަލަ ހައުސިންގ ލޯނުތައް ދޫކުރުމަށްޓަކައި ބޭންކިންގ ނިޒާމުގެ ތެރެއިން ފަހިކުރަންޖެހޭ ކަންކަން ހަމަޖައްސައި، އެކަންކަން ދާދި އަވަހަށް އިޢުލާނު ކުރައްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ފަސް ޕަސެންޓަށްވުރެ ކުޑަކޮށް، ދޫކުރާ ލޯނުތައް ދޫކުރުމަށްޓަކައި ކުރަންޖެހޭ އިދާރީ ފަންނީ މަސައްކަތް ހިނގަމުންދާ ކަމަށާއި އެކަންކަންވެސް ފުރިހަމަކޮށްފައި، ރައްޔިތުންނަށް، އެ ރައްޔިތުން ބޭނުންވާ އެކިކަހަލަ ލޯނުތައް ދޫކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
” މާލެ ސަރަޙައްދުން ދޫކުރި ގޯތިތަކުގައި ގެދޮރު ބިނާކުރުމަށްޓަކައި އަޅުގަނޑު ތަޢާރުފު ކުރާނެކަމަށް ވަޢުދުވި ޚާއްޞަ ލޯނު ސްކީމްވެސް، ހަމަ މީގެ ތެރެއިން ތަޢާރުފު ކުރެވިގެންދާނެ. އެ ރައްޔިތުންނަށް ދޫކުރި ގޯތިތައް، ނޫނީވިއްޔާ ދޭންބުނި ފްލެޓުތައް، ހަމަ އެ ރައްޔިތުންނަށް ލިބޭނެ. ރަސްމީކޮށް ގެޒެޓް ކުރެވިފައި އޮތް އެއްވެސް ބޭފުޅެއްގެ އެއްވެސް ޙައްޤެއް އަޅުގަނޑުމެން އުންޏެއް ނުކުރާނަން. އޭގެ ބަދަލުގައި، ވަޢުދުވީގޮތަށް ފުރިހަމަކޮށްދޭނީ. ނުހިއްކާ އޮތް ފަޅުތައް ހިއްކައިގެން، އެ ގޯތިތައް ޙަޤީޤަތަކަށް ހަދައިދޭނީ ” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގުޅިފަޅުގައި އިތުރަށް 85 ހެކްޓަރު ހިއްކާނެ ކަމަށާއި ގިރާވަރުފަޅުގައި އިތުރަށް 50 ހެކްޓަރު ހިއްކާނެ ކަމަށެވެ. އަދި އެ ސަރަޙައްދުތައް ގުޅުވާލައި ހުޅުމާލެއާއި، ރަސްމާލެއާއި، ގުޅިފަޅާއި، ގިރާވަރުފަޅު، މި ތަންތަން ވެގެންދާނީ، ގެދޮރުގެ މައްސަލަ ހައްލުވާ ތަންތަނަށް ކަމަށެވެ.
އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ތަރައްޤީކުރެވޭ ތަންތަނާ އެކީގައި ކޮންމެ ރައްޔިތަކަށް ތަފާތުކުރުމެއްނެތި، އެ ރައްޔިތަކު ބޭނުންވާ ދިމާއަކުން، ބޭނުންގޮތަކަށް، ގެދޮރުގެ މައްސަލަ ވަޢުދުވި ގޮތަށް ފުއްދައިދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.



