މަޖްލީހުގެ މުސާރަ މިދަނޑިވަޅުގައި ބޮޑުކުރުމަކީ ދިވެހި ދައުލަތް އިތުރަށް ދަރުވާލުމަށް ހިންގޭ ނާތަހުޒީބު އަމިއްލައެދުންބޮޑު މުޑުދާރު އަމަލެއް ކަމަށް ކުރީގެ ބަންޑާރަނައިބު އަދި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އާޒިމާ މިހެން ވިދާޅުވީ އެމްޑީޕީގެ އަޣްލަބިއްޔަތު އޮތް މާލިއްޔަތު ކޮމިޓީން ދައުލަތުގެ ތިން ބާރުގެ ވެރިންނާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުކުރުމަށް ފާސްކުރެއްވުމާއި ގުޅިގެންނެވެ.
އާޒިމާ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ، ދިވެހީންގެ އެތަށްބަޔަކު ވަޒީފާއަށް ސަލާންޖަހަމުންދާ މިދަނޑިވަޅުގައި އަމިއްލައަށް މެންބަރުން އެމީހުންގެ މުސާރަބޮޑުކުރުން ކުށްވެރިކޮށްފައެވެ.
މާލިއްޔަތު ކޮމިޓީގެ އިއްތިފާޤުން ފާސްކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މުސާރަ 120،000 ރުފިޔާއަށް ބޮޑުކުރެއްވުމަށެވެ. މިހާތަނަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވަމުން ގެންދެވީ 100،000 ރުފިޔާއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ ބޮޑުކުރައްވަން ފާސްކުރެއްވީ 93،000 ރުފިޔާއަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް މިހާތަނަށް ލިބިވަޑައިގެންނެވީ 75،000 ރުފިޔާއެވެ.
ވަޒީރުންގެ މުސާރަ ބޮޑުކުރައްވަން ފާސްކުރެއްވީ 72،000 ރުފިޔާއަށެވެ. މިހާތަނަށް ވަޒީރަކަށް ލިބިވަޑައިގަތީ 66،000 ރުފިޔާގެ މުސާރައެކެވެ.
ދައުލަތުގެ ވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މޭޔަރުންނާއުި ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުންގެ މުސާރަވެސް ބޮޑުކުރަން ކޮމިޓީން ފާސްކުރެއްވިއެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ އެއްލައްކަ ރުފިޔާއަށް ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވެއެވެ. މަޖިލީހުގެ މެންބަރުންނަށް މުސާރައިގެ ގޮތުގައި މިހާރު ލިބިވަޑައިގަންނަވަނީ 62،500 ރުފިޔާއާއި، ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާއާ އެކު ޖުމްލަ 82،500 ރުފިޔާއެވެ.



