ރަސްމާލެ މި މަޝްރޫއު ހިންގަނީ ރައްޔިތުންނަށް އެންމެފައިދާވާ ގޮތައްކަމަށާއި މީގެކުރީގެ ސަރުކާރުން ކޯޕަރޭޓް ގެރެންޓީ އުސޫލު ބޭނުންކޮށްފައިވާ ގޮތާއި މިމަޝްރޫއާ ތަފާތުކަމަށް އެމްބެސެޑަރ-އެޓް-ލާރޖް މުޙައްމަދު ހުޝައިން ޝަރީފް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވަހަކަދައްކަވަމުން މުންދު ވިދާޅުވީ އަލަށް ތަރައްޤީކުރާ ރަސްމާލެ ވާނީ، ދުނިޔޭގައި ކުރިއަރަމުން އަންނަ ނަމޫނާ ސިޓީތަކާ އެއްފަދަ ތަނަކަށްކަމަށެވެ. އަދި އެއީ ދިވެހިން ފަޚުރުވެރިވާފަދަ ޒަމާނީ ޝަހަރަކަށް ވާނެކަމަށް ވެސް މުންދު ވިދާޅުވިއެވެ.
މުޙައްމަދު ހުޝައިން ޝަރީފް ވިދާޅުވީ، ރަސްމާލެ ވާނީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔަވަހިކަމުގެ މައްސަލައަށް ފުރިހަމަ ޙައްލެއް ލިބޭނެ މަޝްރޫއަށްކަމަށެވެ. މިއީ މުޅި މަޝްރޫޢު ނިމޭއިރު ހުޅުމާލޭގެ 3 ގުނަ ބޮޑު ބިމެކެވެ.
ރަސްމާލެއަކީ ފެހިކަންގަދަ ތިމާވެއްޓާ ރައްޓެހި ޝަހަރަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. ރައީސް ޑރ.މުޢިއްޒުގެ ތިމާވެށީގެ އެއް ވަޢުދުފުޅުކަމަށްވާ ރާއްޖޭގައި 5 މިލިޔަން ގަސް އިންދުމުގެ މަޝްރޫއުގެ ވަރަށްބޮޑު އިންސައްތައެއް ފުރިހަމަވާނީ ރަސްމާލޭގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއުގައި 1153 ހެކްޓަރު ހިއްކާއިރު ކޮންޓްރެކްޓަރަށް ލިބެނީ 70 ހެކްޓަރެވެ.



