މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުން ނުހިމަނާ މާދަމާ އޮންނަ މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާގެ އެޖެންޑާ އާއްމުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
އެދުވަހުގެ ޖަލްސާގައި މިދައުރު މިމަހުގެ 28ގެ ނިޔަލަށް ދަންމާލަން ނިންމީވެސް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވަޒީރުންނަށް ރުހުން ދިނުމަށެވެ. ނަމަވެސް މާދަމާ ބާއްވާ މިދައުރުގެ ފަހު ޖަލްސާގެ އެޖެންޑާގައި ހަމައެކަނި ހިމަނާފައި ވަނީ ރައީސުލްޖުމުހޫރިއްޔާ އުފައްދާފައިވާ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި އެމައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.
މަޖިލީހުގެ އިދާރާއިން ބުނީ މި ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00 ގައެވެ.
ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ގިނަ މަސައްކަތްތަކެއް ހުރިއިރު މުހިންމު މަސައްކަތްތަކުގެ ތެރޭގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ހިމެނެއެވެ. އެ މައްސަލަ ކުރިއަށް ނުގެންގޮސް ލަސްވާތީ ބައެއް މެންބަރުންނާއި ސިޔާސީ ޕާޓީތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.



