ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މޮންޓަނޭގްރޯއަށް ކުރެއްވި ރަސްމީދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މޮންޓެނޭގްރޯއަށް ވަޑައިގެންނެވީ އެޤައުމުގެ ޑަންލޮވް-ގްރަޑްގައި ބޭއްވި މޮންޓަނޭގްރޯގެ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓަނޭގްރޯގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ކޮންގްރެސްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކެވީ، ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ފޮރ ސެކިއުރިޓީ، އިންޓަރނަލް ޕޮލިސީ، ޔޫރަޕިއަން އެންޑް ފޮރިން އެފެއާޒް އަދި ޑިމޮކްރެޓިކް މޮންޓަނޭގްރޯގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަރ އެލެކްސާ ބެޗިޗްގެ ދަޢުވަތަކަށެވެ.
މި ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުން ބާރުވެރިކޮށް އެމީހުންގެ ބައިވެރިވުމާއެކު ޤައުމުގެ މިސްރާބު ބައްޓަންކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް ބަހާއި އަމަލުން ޑިމޮކްރަސީގެ ރޫހަށް ތަބާވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގޮވާލެއްވިއެވެ.
ދިވެހިރާއްޖެއާއި މޮންޓަނޭގްރޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ 24 ނޮވެންބަރު 2009 ގައެވެ.



