ރައީސް ސާލިހުގެ ސަރުކާރުން އިންޑިއާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުންތައް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އިންޑިއާ ސިފައިން ފޮނުވާލުމަށް ދެ ޤައުމުގެ ދެމެދުގައި މަޝްވަރާތައް ބާރަށް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީބު ވިދާޅުވީ އިންޑިއާއާއެކު ކުރީ ސަރުކާރުން ގިނަ އަދަދެއްގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި ފަހުގެ ތާރީޚެއްގައި އެއެއްބަސްވުންތައް އައު ކޮށްފައިވާ ކަމަށާއި ހުރިހާ އެއްބަސްވުމެއް ވެސް މިހާރު ރިވިއު ކުރަމުންދާ ކަމަށެވެ.
މި އެއްބަސްވުންތައް ރިވިއު ކުރަނީ ދިވެހި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތައް ގުޅިގެން ކަމަށާއި އެއްބަސްވުންތައް ރިވިއު ކުރުމަށްފަހު ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަންކަން ފާހަގަކުރެވޭނަމަ އެކަންކަން ބަދަލު ކުރާނެ ކަމަށް ވެސް ޝަހީބު ވިދާޅުވިއެވެ.
އެގޮތުން މިހާރުވެސް ކުރީ ސަރުކާރުން އިންޑިއާއާއެކު ވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުން އުވާލެއްވުމަށް ސަރުކާރުން ނިންމާފައިވާކަން ޝަހީބު ފާހަގަކުރެއްވިއެވެ.
ޝަހީބު ވިދާޅުވި ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު ރާއްޖޭގައި މިވަގުތު ތިބިކަމަށް ލަފާ ކުރެވޭނީ 89 އިންޑިއާ ސިފައިންނެވެ. އެ އަދަދު ބަދަލުވުމަކީ އެކަށީގެންވާކަމެއް ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު ވަނީ އިންޑިއާގެ ބޮޑުވަޒީރާއި އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ބައްދަލު ކުރައްވާ ސިފައިން ފޮނުވާލެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ



