މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުން ސަލާމަތްވުމަށް ސާފުތާހިރުކަމަކީ މުހިންމު ކަމެއް ކަމަށާއި މަދިރި ކޮންޓުރޯލް ކުރުމަށްޓަކައި ކުރިއަށް ގެންދާ ސާފުކުރުމުގެ ޙަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ނައިބު ރައީސް އަލްއުސްތާޒު ހުސެއިން މުހައްމަދު ލަތީފު އިލްތިމާސް ކުރައްވައިފިއެވެ.
ނައިބު ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ މަދިރި ކޮންޓްރޯލް ކުރުމަށްޓަކައި މުޅި ރާއްޖޭގައި ފެށި “މަދިރިން ރައްކާ” ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައެވެ.
މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާ ބެހޭ ބައިގައި ބޭއްވި ރަސްމިއްޔާތަށްފަހު ނައިބް ރައީސް ވަނީ މި ކެމްޕެއިން ފެށުމުގެ ގޮތުން މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާ ބެހޭ ބައި ސާފުކުރުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގެންފައެވެ.



މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައެއް ބަލިތައް ރާއްޖެއިން ނައްތާލެވިފައި ވީނަމަވެސް ފައިލޭރިއާ ފަދަ ބަލިތަކުގެ ކޭސްތަކެއް އަލުން ފެނުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮންނާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ އެކި މުއައްސަސާތަކާއި އާންމު މަދަނީ ޖަމްޢިއްޔާތަކާއި ރައްޔިތުން ގުޅިގެން މިފަދަ ކެމްޕެއިނެއް ފެއްޓުމަކީ ރައްޔިތުންނަށް ހިތްހަމަޖެހޭނެ ކަމެއްކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް ނައިބްރައީސް ވިދާޅުވިއެވެ.
“މަދިރިން ރައްކާ” މި ޕްރޮގްރާމުގައި ސަރުކާރުގެ ވަރަށް ގިނަ ވުޒާރާތަކާއި ކުންފުނިތަކުން ބައިވެރިވެއެވެ.



