އަޅުގަނޑަކީ ދައުލަތުގެ ބާރުގަދަ އެތައް މަގާމެއް އެތައް ފަހަރެއްގައި އަދާކުރި މީހަކަށްވީ ނަމަވެސް މުސާރަ ފިޔަވައި އެހެން އެއްވެސް ފައިސާއެއް ދައުލަތުން ނަގާފައިނުވާނެ ކަމަށް ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އާޒިމާ ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، އިސްލާމިކް ބޭންކް މެދުވެރިކޮށް އޭނާ ނަގާފައިވާ ފައިނޭންސިންގ ފެސިލިޓީއަށް ގަވާއިދުން ފައިސާ ނުދައްކައިގެން، ލޯނުއެކުގައި މިއަދުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް، މިއަދު އޭނާގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ ޣައިރު ހާޒިރުގައި ކަމަށާއި އޭނާއަށް އެކަން އެނގުނީ މީޑިއާ އިން ކަމަށެވެ.
އަދި އެއީ އޭނާ ދިރިއުޅެމުންދާ ފްލެޓް ގަތުމަށް 2016ގައި ނަގާފައިވާ ލޯނެއް ކަމަށާއި އާމްދަނީއެއް ލިބެމުންދިޔަ ދުވަހު އެ ފެސިލިޓީއަށް ގަވައިދުން ފައިސާ ދައްކަމުން ދިޔަކަން އާޒިމާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް ރައީސް ސާލިހުގެ ސަރުކާރުން އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއާއެކު، ދަސްކޮށްގެން ހުރި މަސައްކަތްކަމުގައިވާ ގާނޫނީ ވަކީލުކަމުގެ މަސައްކަތްކުރުމަށް ހުރަސްތަކެއް ކުރިމަތިކުރުވި ކަމަށް އާޒިމާގެ ބަޔާނުގައިވެއެވެ.
” އަދި ރާއްޖެއިން ބޭރުން ލިބުނު ވަޒީފާގެ ފުރުސަތުވެސް ވަނީ ބަންދުވެފައި. އަޅުގަނޑަކީ އަމިއްލަ މަސައްކަތުން ދިރިއުޅޭ މަޔަކަށްވުމުން ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސަނީ އަމިއްލަ މަސައްކަތުންނެވެ. ނަމަވެސް ކޮވިޑްގެ ހާލަތާއެކު ވަޒީފާއެއް ނެތި އާމްދަނީ ހޯދުމަށް ކުރި ތަފާތު މަސައްކަތުން ލޯނުދެއްކުމުގައި އެކަށީގެންވާ ކުރިއެރުމެއް ވަނީ ނުލިބިފައެވެ “. އާޒިމާގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި މިފަހުން ލޯނުދެއްކުމަށް އިސްވެ ތާވަލެއްއެކުލަވާލައި، ލޯނު ރިސްޓްރަކްޗަރ ކުރުމަށް ބޭންކަށް ހުށަހަޅާފައިވާނެ ކަމަށާއި އަދި ރިސްޓްރަކްޗަރ ކުރުމުގެ މަޝްވަރާތައް ބޭންކާއެކު ޑިސެމްބަރުމަހުވެސް ދިޔައީ ކުރިއަށް ކަމަށް އާޒިމާ ވިދާޅުވިއެވެ. މިހާލަތުގައި މި މަޝްވަރާތައް ކުރިއަށް ދަނިކޮށް މިގޮތަށް ހުކުމް އައުމުން ލޯޔަރުންގެ މަޝްވަރާއާއެކު ހުކުމް ރިވިއު ކުރުމަށާއި އިސްތިއުނާފު ކުރުމަށް ނިންމައި ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.