މޭޔަރުގެ ގޮނޑި ކާމިޔާބު ކުރެވިއްޖެނަމަ ރައްޔިތުން ބޭނުންވެފައި ތިބި ތަރައްގީ ގެނެސްދެއްވާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާޒިމާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީއަށް ލިބުނު ކާމިޔާބީއަކީ ދިވެހި ރައްޔިތުން ގަބޫލުކޮށްފައި އޮތް ޑޮކިއުމެންޓަރީއެއް އަދި މިސްރާބެއްކަން އެނގޭ ކަމަށެވެ. އަދި މޭޔަރުގެ ގޮނޑި ކާމިޔާބު ކުރެވިއްޖެނަމަ ރައްޔިތުން ބޭނުންވެފައި ތިބި ތަރައްގީ ގެނެސްދެއްވާނެކަމުގެ ޔަގީންކަން އާޒިމާ ވަނީ އަރުވާފަ އެވެ.
މި ޖަލްސާގައި ވާހަކަދައްކަމުން އާޒިމާ ވިދާޅުވީ މާލޭގެ ރައްޔިތުންގެ ދެ “ޗޮއިސް” އެއް އެބައޮތް ކަމަށެވެ. އެގޮތުން އެއް “ޗޮއިސް” އަކީ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް އެހީތެރިވާނެ މީހަކު އިންތިހާބު ކުރުން ކަމަށާއި އަނެއް “ޗޮއިސް” އަކީ 2028 ވަނަ އަހަރާއި ހަމައަށް ސަރުކާރު ވައްޓާލުމަށް ބަޔަކު ކުރާ މަސައްކަތަށް އެހީތެރިވާނެ މީހަކު ހޯދުން ކަމަށެވެ.
ހަމައެެހެންމެ މޭޔަރުކަމަށް ކުރިމަތިލާން ނިންމިއިރު ރައީސްޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީ މޭޔަރު ކަމަށް ހުުންނެވިއިރު އެކުލަވާލައްފައި އޮތް ސްޓްރެޓެޖީގެ އެކްޝަން ޕްލޭނާއި ޕީޕީއެމް/ޕީއެންސީގެ މެނިފެސްޓޯ ވެސް ދިރާސާ ކުރެއްވި ކަމަށް އޭނާވަނީ ވިދާޅުވެފަ އެވެ. އަދި މި ފަހަރުގެ ރިޔާސީ އިންތިހާބަކީ އެ މެނިފެސްޓޯ އާއި ސްޓްރެޓެޖިކް ޕްލޭން ދިވެހި ރައްޔިތުން އަދި މާލޭގެ ރައްޔިތުން ބަލައިގަތް ކަމުގެ ހެއްކެއް ކަމަށްވެސް އާޒިމާ ވިދާޅުވެފައި ވެއެވެ.
“މާލެއިން ލިބިވަޑައިގެންފައިވާ ނަތީޖާއާއި މުޅި ރާއްޖެއިން ލިބި ވަޑައިގެންނެވި ނަތީޖާއަށް ބަލާއިރު މީ ދިވެހި ރައްޔިތުން ޤަބޫލުކޮށްފައި އޮތް ޑޮކިއުމެންޓަރީއެއް އަދި މިސްރާބެއްކަން އެނގޭ، އަޅުގަނޑާއި މިފަހަރު ކުރިމަތި ލާފައިމިވާ ތިން ކެނޑިޑޭޓުން، އަޅުގަނޑުމެންގެ ނިންމުމަކަށްވަނީ އަޅުގަނޑުމެން ހޮވިއްޖެ ކަމަށްވަންޏާ މި ޑޮކިއުމެންޓް މި އޮތްގޮތަށް ތަންފީޒު ކުރުން.” އާޒިމާ ވިދާޅުވިއެވެ.
އަދި އޭނާ ހޮވިވަޑައިގެންފިނަމަ އެ ޑޮކިއުމަންޓްގައި އޮތް ކަންކަން ތަންފީޒު ކުރައްވާނެ ކަމުގެ ޔަގީންކަން އާޒިމާ ދެއްވި އެވެ،



