ލިޔުނީ: މަރްޔަމް އަދީލާ
ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝުކޫރުގެ މެނިފެސްޓޯއަކީ ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެއް މެނިފެސްޓޯ އެވެ. ވިލިމާލެ އަދި ހުޅުމާލެ ހިމެނޭގޮތަށް އާޒިމާގެ މެނިފެސްޓޯގައި ވަނީ ރައްޔިތުންނާއި މަޝްވަރާކޮށް ސިޓީއަށް މިހާރު ހުރި ދަތިތަކަށް އެންމެ ފަސޭހަވާނެގޮތަށް މެނިފެސްޓޯ ތައްޔާރުކޮށްފަ އެވެ. މި މެނިފެސްޓޯގައި ވެސް އެންމެ އިސްކަމެއް ދީފައި އޮތީ މާލެ ސިޓީއަކީ އުފާވެރި އަދި ހިތްފަސޭހަ ތަނަކަށް ބަދަލުކޮށްލުމަށް ގެންނާނެ ބަދަލުތަކެވެ.
އެގޮތުން އާޒިމާގެ މެނިފެސްޓޯގެ އެންމެ ފުރަތަމަ ސަފްހާގައި އޮތީ “ކޮންމެ ދުވަހަކީވެސް އުފާވެރި ދުވަހެއް”ގެ ދަށުން މާލޭ ސިޓީއަށް ކޮށްދެއްވުމަށް މެނިފެސްޓް ކުރެވިފައިވާ ކަންކަމެވެ.
މުޖުތަމަޢުގެ ސިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ޕްރޮގްރާމްތައް
ޢާއިލާ އާއި ރައްޓެހިންނާއެކު މުނިފޫހިފިލުވާ ސެންޓަރ
ކޮމިއުނިޓީ ސެންޓަރ
ތަފާތު ކުޅިވަރުތައް ކުޅެވޭނެ ގޮތަށް ބިނާކޮށްފައިވާ ކުޅިވަރު އެވެނިއު
ފްރީލާންސް މަސައްކަތް ކުރާނެ މަރުކަޒު
ފަރުވާގެ ޚިދުމަތްތަކާއެކު ވެޓް ސެންޓަރަކާއި ބުޅާ ޝެލްޓަރއެއް
ކެމްޕެއިންތަކުގައި މީގެކުރިންވެސް އާޒިމާ ވަނީ އޭނާގެ ވިސްނުމަކީ ބަންދުކުރުން ނޫންކަމަށް ވިދާޅުވެފަ އެވެ. އޭގެ ބަދަލުގައި ހުޅުވާލައިގެން މާލޭ ސިޓީގެ ރައްޔިތުންނަށް ހަމަނޭވާލުމުގެ ފުރުސަތު ހޯއްދަވައިދެއްވާނެކަމަށް އާޒިމާ ވަނީ ވިދާޅުވެފަ އެވެ. ހަމައެހެންމެ އާންމު ތަންތަނުގައިވެސް ކަސްރަތު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދީ ކަސްރަތު ކްލާސްތައް ހިންގާނޭކަމަށްވެސް އާޒިމާ ވަނީ ވިދާޅުވެފަ އެވެ.
މާލެ ސަރަހައްދުގައި ކޮމިއުނިޓީ ސެންޓަރުތައް ހުޅުވައި ދިވެހިންނަށް އާމްދަނީ ހޯދޭނެ ގިނަ މަގުތައް ހުޅުވުމަށްވެސް އާޒިމާ ވަނީ ޕްލޭންކޮށްފައެވެ. އަދި މާލޭގައި ސްޕޯޓްސް އެވެނިއު ކުރިޔަށް ގެންގޮސް ޒުވާނުން ކުޅިވަރުގެ ދާއިރާގައިވެސް ކުރިއަރުވަން އާޒިމާގެ ޕްލޭންގައި ވަނީ ހިމަނާފައެވެ.
“އަޅުގަނޑުމެން ތިބޭފުޅުންގެ ދިރިއުޅުމުގެ ފެންވަރު ބަދަލު ކުރާނަން. ދިރިއުޅުން ރައްކާތެރިކޮށްދޭނަން. ތިޔަބޭފުޅުންގެ މޫނުތަކަށް ހިނިތުންވުމެއް ގެނެސް ދޭނަން. އެއީ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ދޭނެ ޔަގީންކަމަކީ.” ފޭސް-2ގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވެފައި ވެއެވެ.



