މީގެ ކުރިއެކޭވެސް އެއްގޮތަށް ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓަށް ހެދުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އެދިވަޑައިގަންނަވައިފިއެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ މިއަދު ޗައިނާގައި ކުރިއަށްދާ “އިންވެސްޓް މޯލްޑިވްސް” ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކޮވިޑް19ގެ ކުރިން ޗައިނާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި އެއް ނަންބަރު މާކެޓު ކަމަށާއި އަނެއްކާ ވެސް އެމަގާމު ހޯދުމަށް މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ސިންދަފާތު ކުރުމަށް މި ސަރުކާރުން ނިންމަވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތު ކުރުމަށް ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތުގެ ތެރޭގައި ހޮސްޕިޓާލިޓީ ދާއިރާއިން އެންމެ މަތީ ފަންތީގެ ތަމްރީނުތައް ދޭ ސްކޫލެއް ޤާއިމު ކުރުމާއި ކުޅިވަރާއި މެޑިކަލް އަދި ސަގާފީ ޓޫރިޒަމް ފުޅާ ކުރުމަށް ނިންމަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމަށް ހެދުމަށް މަސައްކަތް ކުރުމަށް ރައީސް އެދިވަޑައިގެންފައިވާއިރު އެ ޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވީ ކޯވިޑާ ގުޅިގެން 2020 ވަނަ އަހަރު އެ ޤައުމުގެ ބޯޑަރު ބަންދު ކުރުމާ ގުޅިގެންނެވެ. ގާތްގަނޑަކަށް ތިން އަހަރު ފަހުން އަލުން އެ ޤައުމުން ރާއްޖެއަށް ފަތުރުވެރިން އަންނަ ފެށީ މިދިޔަ އަހަރުއެވެ.



