އަމީނީމަގުގައި ފެން ހިންދާ ނިޒާމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަބްދުالله މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މުއްތަލިބު ވިދާޅުވީ، އަމީނީ މަގުގެ ފަހު 2 ސެގްމެންޓުގެ މަސައްކަތް 1 މަސްތެރޭ ނިންމުމަށް މިނިސްޓްރީއާ ގުޅިގެން އާރުޑީސީން ކޮށްފައިވާ މަސައްކަތް ފާހަގަކުރާ ކަމަށެވެ.
އަދި އުއްމީދަކީ ޕްރޮޖެކްޓްގައި ހިމެނިފައިވާ ޕަމްޕުތައް ވީހާވެސް އަވަހަކަށް ގެނެވި ފެން ހިންދުމުގެ ނިޒާމުގެ މަސައްކަތް މާލަހެއްނުވެ ނިންމާލުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަމީނީމަގުގެ ފަހު ދެ ސެގްމަންޓްގައި ތާރުއެޅުމުގެ މަސައްކަތް މި ސަރުކާރުން ނިންމާލީ އެ ސަރަހައްދުގެ ސްޓޯމްވޯޓަރ ޑިޒައިންއަށް ބަދަލު ގެނައުމަަށް ފަހުއެވެ. ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށްދާ ސްޓޯމް ވޯޓަރ ޕްރޮޖެކްޓްގެ ދަށުން މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ގާއިމު ކުަރާ ސްޓޯމްވޯޓަރ އައުަޓްފޯލް އެޅުމަށް އަމީނީމަގުގެ ތާރުކަނޑާ މަގު ކޮންނާކަށް ނުޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ހާމަކުރެއެވެ.
އަމީނީ މަގުގެ ނުނިމިއޮތް ބައިގެ ޢަމަލީ މަސައްކަތް ފެށީ 9 ޑިސެންބަރު 2023 ގައެވެ.



