ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދަށް، ޗައިނާގެ ރައީސް، ޝީ ޖިންޕިން ރަސްމީކޮށް މަރުހަބާ ދަންނަވައިފި އެވެ.
ރައީސް ޝީގެ ދައުވަތަކަށް ރައީސް މުއިއްޒާއި އަނބިކަނބަލުން ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ވެރިރަށް ބެއިޖިން އަށް ވަޑައިގެންނެވީ އަންގާރަ ދުވަހު އެވެ.
ޗައިނާގެ ސަރުކާރުން، ރައީސް މުއިއްޒުގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް ހާއްސަ ރަސްމިއްޔާތެއް މިއަދު ވަނީ ބާއްވާފަ އެވެ.
އެގޮތުން ރަތް ދޫލައިގައި މަރުހަބާ ދަންނަވައި، ރައީސް މުއިއްޒުގެ ދެކަނބަލުންގެ ޝަރަފުގައި ގާޑް އޮފް އޮނާއެއް ވަނީ އަރުވާފަ އެވެ.
މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް މިހާރު ވަނީ ފަށާފަ އެވެ. މަޝްވަރާ ބައްދަލުވުމުގައި ދެ ގައުމުގެ ރައީސުންގެ އިތުރުން، ރައީސްގެ އަރިހުގައި ޗައިނާއަށް ވަޑައިގެންނެވި ދިވެހި ސަރުކާރުގެ ވަޒީރުންގެ ވަފުދާއި ޗައިނާ ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވަ އެވެ.



