ހަނގުރާމައިގައި ބައިވެރިވާން ސީރިއާއަށް ދިޔަ ދިވެހިންގެ ތެރެއިން ފަސް އާއިލާއެއްގެ 21 މީހުން މިއަދު ރާއްޖެއަށް ގެނެސްފިއެވެ.
މިނިސްޓަރ އޮފް ހޯމް ލޭންޑް އަލީ އިހުސާން ވިދާޅުވީ، އެމީހުން ރާއްޖެ ގެނައީ ހާއްސަ ޗާޓަރު ފްލައިޓެއްގައި ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. މިނިސްޓަރ އިހުސާން ވިދާޅުވީ މި އެންމެން ވެސް މިހާރު ވަނީ ކ. ހިންމަފުށީގައި ހުންނަ ރެއިންޓަގްރޭޝަން ސެންޓަރަށް ގެންގޮސްފައި ކަމަށެވެ.
އަދި ހިންމަފުށީ ރެއިންޓަގްރޭޝަން ސެންޓަރުގައި އެ އާއިލާތަކަށް ވަކި ވަކިން ބޭނުންވާ ހިދުމަތްތައް ލިބޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާނެ ކަމަށާއި އެތަނުގައި 24 ގަޑިއިރު ފުލުހުން ތިބޭނެ ކަމަށްވެސް މިނިސްޓަރ އިހުސާނު ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ދިވެހިން ކަމަށް ބެލެވޭ 100 އަށް ވުރެ ގިނަ މީހުން ހަނގުރާމަވެރި ސަރަހައްދުތަކުގައި ތިބި ކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް އަށް ލިބިފައިވާ ކަމަށެވެ. އަދި 90 އަށް ވުރެ ގިނަ މީހުންނަކީ އެކި ގޮތް ގޮތުން ވާހަކަ ދެކެވި އަނބުރާ ރާއްޖެ އައުމަށް ބޭނުންވެފައި ތިބި މީހުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން 2022 ވަނަ އަހަރު ސީރިއާ އާއި ތުރުކީ ގުޅޭ ބޯޑަރުގައި ދިވެހި ފަސް އާއިލާއެއް ހާލުގައި ޖެހިފައި ތިބި ކަމަށާއި އެމީހުން އަނބުރާ ރާއްޖެ އަށް އަންނަން ބޭނުންވާ ކަމަށް އެ މިނިސްޓްރީ އަށް މައުލޫމާތު ލިބުނު ކަމަށް އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ އެކަން އެނގުނު ހިސާބުން ފުލުހުންނާއި ނެޝަނަލް ރެއިންޓަގްރޭޝަން ސެންޓަރާ ގުޅިގެން އެއީ ދިވެހިންތޯ ކަށަވަރު ކުރި ކަމަށެވެ. އެގޮތުން އެ ސަރަހައްދަށް ގޮސް އެސެސްމަންޓް ހަދައި، ޑީއެންއޭ ޓެސްޓްގެ ޒަރިއްޔާ އިން އެއީ ދިވެހިންކަން ކަށަވަރުކޮށްފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
މި މީހުންގެ ތެރޭގައި ހިމެނެނީ 15 ކުޑަކުދިންނާއި ހަ ބޮޑެތި މީހުންނެވެ. އަދި އެ ހަ މީހުންގެ ތެރޭގައި ފަސް މީހުންނަކީ އަންހެނުންނެވެ. އަދި ދެން ހިމެނެނީ ފިރިހެނެކެވެ. 18 އަހަރު ނުފުރޭ ހުރިހާ ކުދިން ވެސް ނިސްބަތްވަނީ މި ފަސް އަންހެނުންނަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



