- Advertisement -ad image

ސިއްހީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނެރުމުގެ އުސޫލް އިފްތިތާހް ކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ކަނޑައޅާފައިވާ ޚާއްޞަ އުޞޫލު، ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިފުތިތާޙު ކޮށްދެއްވައިފިއެވެ.

މި ޚާއްޞަ އުޞޫލު އިފުތިތާޙު ކޮށްދެއްވާފައިވަނީ މިއަދު ހެނދުނު މިނިސްޓްރީ އޮފް ހެލްތުގައި ކުރިއަށްދިޔަ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މިނިސްޓްރީ އޮފް ހެލްތާއި ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން އެކުލަވާލާފައިވާ މި އުޞޫލުގެ ދަށުން ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރުމަށް މަގުފަހި ކޮށްދިނުމަށްޓަކައި، އެފަރާތްތަކުގެ ދަފުތަރެއް މިނިސްޓްރީގައި އެކުލަވާލައި، އެފަރާތްތައް ވޭޖް އުޞޫލުން ވަޒީފާއަށް ނެރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މިގޮތުން އާންމު އުޞޫލުން މުވައްޒަފުންނަށް ވަޒީފާ ހަމަޖެއްސުމުގެ ބަދަލުގައި، އިޢުލާނެއް ނެތި، ދަފުތަރުގައި ރެޖިސްޓްރީކުރާ ޞިއްޙީ ޚިދުމަތްތެރިންގެ ތަޢުލީމާއި، ތަޖުރިބާއާއި ހުނަރަށް ބަލައި، މެރިޓް އުޞޫލުން “ޞިއްޙީ ދާއިރާއަށް ޚާއްޞަ ޑައިރެކްޓް ރެކްރޫޓްމަންޓް” ގެ ދަށުން ވަޒީފާ ހަމަޖެއްސުމުގެ އިންތިޒާމު މި އުޞޫލުގެ ތެރެއިން ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން މިހާރު އެކި ސަބަބުތަކާ ހުރެ ޚިދުމަތުން ދުރުވެފައިވާ ފަރާތްތަކުގެ އެހީތެރިކަމާއެކު ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ޕްރައިމަރީ ހެލްތް ކެއަރގެ އުޞޫލުން ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް މިފަދަ ފަރާތްތަކުގެ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. ހަމައެއާއެކު، މި އުޞޫލުގެ ތެރެއިން ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން އަލުން ޚިދުމަތަށް ނެރުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެކުލަވައިލައްވާ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ނުވިނަމަވެސް، އެ ފަރާތަކީ ޞިއްޙީގޮތުންނާއި، ތަޢުލީމާއި، ތަޖުރިބާ އަދި ހުނަރުގެ ގޮތުން ޤާބިލު ފަރާތެއްކަމަށްވާނަމަ، އިދާރީ އޮނިގަނޑުގައި އެ ފަރާތަކަށް ދެވޭނެ މަގާމެއް އޮވެއްޖެނަމަ، އެފަރާތެއް އެ މަގާމަކަށް ނެގުމުގެ ފުރުޞަތު ދެވޭނެ ގޮތްވެސް ހަމަޖެހިފައިވެއެވެ.

އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް އެކުލަވާލައްވާފައިވާ ޚާއްޞަ އުޞޫލެއް އެކުލަވާލުމަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނިގެން ހަފުތާ 14 ގައި ކުރުމަށް އެޖެންޑާ ކުރެވިފައިވާ މުހިންމު މަސައްކަތެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ