- Advertisement -ad image

ޔޫއޭއީ އާއި ތައިލެންޑުން ބޭސްފަރުވާ ކުރެވޭގޮތް ހެދުމަށް ދަނީ މަސައްކަތް ކުރަމުން: އާސަންދަ

ad image

ގުޅުންހުރި ލިޔުންތައް


އާސަންދަ ސްކީމުގެ ދަށުން ޔޫއޭއީ އާއި ތައިލެންޑަށް ބަލިމީހުން ފޮނުވުމުގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.
އާސަންދައިން ނެރުނު ބަޔާނެއްގައި ބުނީ ސްކީމްގެ ދަށުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ބަލިމީހުން މިވަގުތު ފޮނުވަމުންދަނީ ހަމައެކަނި އިންޑިއާ އަދި ސްރީލަންކާއަށް ނަމަވެސް، ކުރިއަށް އޮތްތަނުގައި ތައިލެންޑް އަދި ޔޫއޭއީ އަށްވެސް ސްކީމްގެ ދަށުން ބަލިމީހުން ފޮނުވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީވެ އާސަންދަ ކުންފުނިން އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކަމާ ގުޅުންހުރި އެހެން އިދާރާތަކާއިއެކު ކުރެވެމުންދާ ކަމަށެވެ.
“ ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އިންޑިއާ އާއި ސްރީލަންކާ ނޫން އެހެން ޤައުމުތަކަށް ބަލިމީހުން ފޮނުވަން އާސަންދަ ކުންފުނިން “ދެކޮޅު” ކަމުގައި ބައެއް ޚަބަރުފަތުރާ ވަސީލަތްތަކުގައި ހިމަނާފައިވާތީ ދަންނަވަމެވެ. އެގޮތަށް ލިޔެފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 12 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އެސް.އޯ.އީ ކޮމިޓީގައި މަޖިލިސް މެމްބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި، މި ޚިދުމަތް އިތުރު ޤައުމުތަކަށް ފުޅާކުރުމުގެ ވިސްނުމެއް އޭރު ނެތްކަމަށް މި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި ވިދާޅުވުމުގެ މަފްހޫމް އޮޅޭގޮތަށެވެ “ އާސަންދަ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އިތުރަށް އެބަޔާނުގައި ބުނީ އޭރު ސަރުކާރުން މި ޚިދުމަތް ފުޅާކުރުމަށް ނިންމާ އިޢުލާންކޮށްފައި ނުވާކަމަށެވެ.
އެހެންކަމުން، މިހާރު، ސަރުކާރުން ރަސްމީކޮށް އެކަން އިޢުލާންކުރުމުން، އޭގެ މާ ކުރިން ދެކެވިފައިވާ ވާހަކަތަކަކަށް ރިޢާޔަތްކޮށް މިއީ އެކުންފުނިން “ދެކޮޅު” ކަމެއްގެ ގޮތުގައި ޢާއްމުންނަށް ސިފަވާހެން ޚަބަރު ފެތުރުމަކީ ކަމުގެ ޙަޤީޤަތް އޮޅި ރައްޔިތުންގެ ހިތްތަކުގައި ނުތަވަސްކަން އުފެދޭނެ ކަމެއް ކަމަށްވެސް ބިނެފައިވެއެވެ. ވީމާ މިފަދައިން ޚަބަރުތައް ގެނެސްދޭއިރު ކުންފުނީގެ ބަހެއް ހޯދާ، ކަމުގެ ޙަޤީޤަތް ސާފުވާނެހެން ޚަބަރުތައް ގެނެސްދިނުނަށް އެ ކުންފުނިން އެދިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ