ފާއިތުވި 24 ގަޑިއިރުތެރޭ އެމަރޖެންސީކޮށް މޯލްޑިވިއަންގެ ޗާޓަރު ފްލައިޓް މެދުވެރިކޮށް 3 ބަލި މީހުން އުފުލާފައިވާކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ރޭ ‘އެކްސް”ގައި ކުރެއްވި ޓްވީޓެއްގައި އާދަމް ޝަރީފްވަނީ ރޭ ފުވައްމުލަކުގައ ިހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު އެއެމަރޖެންސީކޮށް މޯލްޑިވިއަންގެ ފްލައިޓެއްގައި މާލެ ގެނެސްފައިވާކަމަށް ވިދާޅުވެފަ އެވެ. އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ބަލިމީހާ ގޮވައިގެން ފްލައިޓް ފުރާފައިވަނީ ރޭ ދަންވަރު 1:30 ގައެވެ.
ގއ. ވިލިނގިލިން ހާލު ދެރަވެގެން މާލެ ގެނައި އުމުރުން 13 އަހަރުގެ ދިވެހި ފިރިހެން ކުއްޖާ ނިޔާވި މައްސަލައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބަލި ހާލަތެއް މެދުވެރިވެގެން އިތުރު ފަރުވާ ދިނުމަށް ވައިގެ މަގުން ބަލި މީހަކު ގެނެސްދޭން ޖެހޭ އެއްވެސް ހާލަތެއްގައި އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކުރައްވައި، ސިއްހީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުސޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް އަމަލުކުރަމުން ގެންދެވުމަށް އަންގަވާފަ އެވެ.
އަދި ފްލައިޓް ޝެޑިއުލް ދަތުރުތަކަށް ވުރެ ބޮޑަށް އިމަޖެންސީ ވޭދަނަތަކަށް (ކޭސް) އިސްކަންދޭ ގޮތަށް މޯލްޑިވިއަންގެ އުސޫލުތައް ބަދަލުކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ރޭ ވަނީ ވިދާޅުވެފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އަމީން “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށްދާ އެއް ކަމަކީ އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފް ކުރުން ކަމަށެވެ. މި ހިދުމަތް އަންނަ މާޗް 1 ވަނަ ދުވަހު ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.



