- Advertisement -ad image

ބޮޑެތި ކުށްތަކުގައި ދައުވާ އުފުލުމާއެކު ޕާސްޕޯޓް ހިފަހައްޓަންޖެހޭގޮތަށް ކަނޑައަޅައިފި

ad image

ގުޅުންހުރި ލިޔުންތައް

ޖިނާއީ ބޮޑެތި ކުށްތަކުގައި ދައުވާ އުފުލުމާއެކު، އެމީހެއްގެ ޕާސްޕޯޓް ހިފަހައްޓަންޖެހޭގޮތަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅީ ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރަން ހުއްދަދީ ނެރުނު އަމުރު ބާތިލްކޮށް ސުޕްރީމް ކޯޓުން އިއްވި ހުކުމްގަ އެވެ.

ފަނޑީޔާރު އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދުގެ ބެންޗުން ބެލި މިއްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔު އިއްވަވަމުން ވިދާޅުވީ، ކުށެއްގެ ތުހުމަތުގައި ކޯޓެއްގައި ދައުވާ އުފުލުމަކީ ސީރިއަސް ކަމެއް ކަމަށާއި، ޖިނާއީ މައްސަލައެއްގައި ދައުވާ ލިބޭ މީހަކު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސް ފިލައިފިނަމަ ޖިނާއީ އަދުލުގެ ނިޒާމުގެ ވާގި ނެތި އަދުލުއިންސާފު ގާއިމު ކުރުމަށް ހުރަސް އެޅޭނެ ކަމަށެވެ. އެހެންކަމުން އެހެން ވިޔަ ނުދިނުމަށް ދައުލަތުން ފިޔަވަޅު އަޅަންޖެހޭ ކަމަށް ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވިއެވެ.

ސުއޫދުގައި ރައުޔުގައި ވިދާޅުވީ ގާނޫނުލްއުގޫބާތުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ މައްސަލައެއްގައި ދައުވާ ލިބޭ މީހުންގެ މައްސަލަ ކޯޓަށް ހުށަހެޅުމާ އެކު އެފަދަ މީހުން ރާއްޖެއިން ބޭރަށް ފުރައިގެން ދިއުން މަނާކުރުމަށް ކޯޓުން މޯލްޑިވްސް އިމިގްރޭޝަނަށް އަންގަންވާނެ ކަމަށެވެ. އަދި އެގޮތަށް އެންގުމުން އެފަދަ މީހުން ބްލެކްލިސްޓްކޮށް ރާއްޖެއިން ފުރައިގެން ނުދެވޭ ގޮތް ހެދުމަކީ މޯލްޑިވްސް އިމިގްރޭޝަންގެ ޒިންމާއެއް ކަމަށްވެސް ހުކުމްގައިވާ ސުއޫދުގެ ރައުޔުގައިވެ އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ވިދާޅުވެފައިވަނީ ޖިނާއީ ބޮޑު މައްސަލައެއްގައި ޝަރީއަތުގެ މަރުހަލާފައި ދައުވާ ލިބޭ މީހެއްގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަަށް ފުރުމުގެ ހުއްދަ ދެވޭނީ އެ ފަރުވާއަކީ ރާއްޖެއިން ލިބެންނެތް ބޭސްފަރުވާއެއް ކަމަށް ޑޮކްޓަރަކު ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ ދޭ ރައުޔެއްގެ މައްޗަށް ބިނާކޮށް، އެނބުރި ރާއްޖެ އަންނަނާނެކަން ކަށަވަރު ކުރުމަށް ޝަރުތު ކުރުމަށްފަހު ކަމަށެވެ.

“އެގޮތުން ކަނޑައެޅޭ ޝަރުތުތަކުގެ ތެރޭގައި ކަފާލާތުގެ ގޮތުގައި ދައުވާގައި ހިމެނޭ ފައިސާގެ އަދަދާ އެއްވަރުގެ ފައިސާގެ އަދަދެއް ނުވަތަ ބޭންކް ގަރަންޓީއެއް ނުވަތަ ބޮންޑެއް ބެހެއްޓުމަށް ޝަރުތުކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.” ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ވެއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފްއާ ހަވާލުކޮށްފައިވެ އެވެ. އެކަމަކު އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުގެ ދައުވާތަކުގައި ތުހުމަތުކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ