އެއަރ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭނެއް ބޭނުންކުރަން ފަށަން ތައްޔާރުވެއްޖެއެވެ.
މިޚިދުމަތް މާދަމާ ފަށަން ނިންމާފައިވާއިރު، މިކަމަށްޓަކައި ބޭނުންކުރާ ސީޕްލޭން މިހާރުވަނީ ބޭނުންވާ ވަސީލަތްތަކާއެކު ގެންނަންޖެހޭ ބަދަލުތައް ގެނެސްފައެވެ.
އެއަރ އެމްބިއުލާންސްގެގޮތުގައި ބޭނުންކުރާ ސީޕްލޭންގެ ފޮޓޯ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނުގެ އެކްސް އެކައުންޓުން ސޯޝަލް މީޑިއާ ދޫކޮށްލައްވާފައެވެ. މި ފޮޓޯތަކުން ފެންނަގޮތުގައި ސީޕްލޭންގައިވެސް ބޭނުންކޮށްފައިވަނީ މިހާރު ބޭނުންކުރާ ޑޭޝް 8 މަރުކާގެ އެއަރ އެމްބިއުލާންސްގައި ބޭނުންކޮށްފައިވާ ކުލަތަކެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުއްލި ފަރުވާ ބޭނުންވާ ފަރާތްތަކަށް އެޚިދުމަތް ހަރުދަނާ އުޞޫލެއްގެ ތެރެއިން ދިނުމަށް ޑޭޝް 8 މަރުކާގެ ބޯޓަކާއެކު އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.
އެހެންނަމަވެސް އަތޮޅުތަކުގެ ގިނަ ރަށްތަކަކީ އެއަރޕޯޓުގެ ޚިދުމަތް ލިބެން ނެތް ތަންތަނަށްވުމުން ނޭޝަނަލް އެމްބިއުލާންސް ސަރވިސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ވަށާޖެހޭ ގޮތަކަށް ދިނުމަށް ސީޕްލޭންގެ ބޭނުން ކުރުމަށް ސަރުކާރުން މިވަނީ ތައްޔާރުވެފައެވެ.