“ދިވެހީންގެރާއްޖެ މަޖިލީހަށް” މި ޝިޢާރުގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަކީ، ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރާނެ ކެންޑިޑޭޓުންތަކެއް ކަމަށާއި، އެ ކެންޑިޑޭޓުން މަޖިލީހަށް އިންތިޚާބު ކުރުމަކީ މުހިންމުކަމެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ބެހޭގޮތުން އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ފަހުމީ ވިދާޅުވީ “ދިވެހީންގެރާއްޖެ މަޖިލީހަށް” މި ޝިޢާރުގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަކީ، ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމދަު މުއިއްޒާއި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަށް ހަލުވި ދުވެލީގައި ތަންފީޒުކުރުމަށް ބޭނުންވާ އެއްބާރުލުން ދޭނެ ކެންޑިޑޭޓުންތަކެއް ކަމަށެވެ.
އަދި، އަމިއްލަވަންތަ ޝަޚްސިއްޔަތެއް ދަމެހެއްޓުމާއިއެކު ދުނިޔެއާއި އެއް ހަމައެއްގައި ފައިތިލަ ސާބިތުކުރާ، އަރަނިވެރި އިޤުތިޞާދެއް އޮތް ޤައުމެއްގެ ގޮތުގައި މާދަމާގެ ޖީލުތަކަށް ރާއްޖެ ވާރުތަކޮށްދިނުމަށްޓަކައި ސަރުކާރަށް ތާޢީދުކުރާ ކެންޑިޑޭޓުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށެވެ. ފަހުމީ ވަނީ ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން ނިންމާފައިވަނީ އަންނަ އެޕްރީލްމަހުގެ އެކާވީސް ވަނަ ދުވަހު އެވެ. މި އިންތިޚާބުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕީއެންސީން 89 ކެންޑިޑޭޓުން ވާދަކުރެއެވެ. އެއީ، 87 ފިރިހެނުންނާއި، 2 އަންހެން ކެންޑިޑޭޓުންނެވެ.