ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ޓުރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓްގައި ޖެހިއްޖެއެވެ.
ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހުސެއިން ފަހުމީ “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައިޖެހި ހިތާމަވެރި ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.
މިފަދަ ހާދިސާއެއް ހިނގާފައި މިވަނީ ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެތަންތަނަށް ވަދެ ގެއްލުންދިނުމަކީ ކަރަންޓްގެ ޚިދުމަތް މެދުކެނޑުމުގެ އިތުރުން މީހާއަށްވެސް ނުރައްކާވެދާނެ ކަމެއް ކަމަށް އެކުންފުނިން ބުނެފައިވަނިކޮށެވެ.
ސްޓެލްކޯގެ އެމްޑީ މީގެ ކުރިން ވިދާޅުވެފައިވަނީ އެކުންފުނީގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި، އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަ ކުރެވި އެކަން ވަނީ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާފައި ކަމަށެވެ.