ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދޫކޮށްފައިވާ ގޯތީގެ ޕްލޮޓުތަކުގެ ތެރެއިން ފެނާއި ނަރުދަމާ ވިއުގާއަށް އަރާގޮތަށް ދީފައިހުރި ގޯތިތަކުގެ އަޑީގައިހުރި ފެނާއި ނަރުދަމާގެ ވިއުގަތައް އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ކުރަނީ ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީއާއި، މާލޭ ވޯޓަރ އެންޑް ސުވޭޖް ކޮންޕެނީ އެމް.ޑަބްލިޔު.އެސް.ސީ ގުޅިގެންނެވެ. މިކަމުގެ ޢަމަލީ މަސައްކަތް ފައްޓަވާދެއްވީ އެޗް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުހައްމަދެވެ.
މި މަސައްކަތް ފައްޓަވާދެއްވުމަށްފަހު މީޑިއާތަކާ ވާހަކަދައްކަވަމުން އެޗް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، ފެނާއި ނަރުދަމާ ރީލޮކޭޓް ކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްއީއާއި ގުޅިގެން ވީހާވެސް އަވަހަކަށް ނިންމާނެކަމަށެވެ. އަދި މިއީ އެ ސަރަޙައްދުން ދީފައިހުރި ބިންތައް ރައްޔިތުންނަށް ދޫކުރުން އަވަސްކުރުމުގެ ގޮތުން ފެށި މަސައްކަތެއްކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.
ގޯތިތަކަށް އަރާގޮތަށް ހުރި ފެނާއި ނަރުދަމާ ކޭބަލްތައް ރީލޮކޭޓްކުރުމުގެ މަސައްކަތަށް ގާތްގަނޑަކަށް 200 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް އެޗް.ޑީ.ސީން ބުނެއެވެ.
އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ، މި ވިއުގައަކީ އާންމު ސަރަހައްދުގައި ހުންނަން ޖެހޭނެ ވިއުގަތަކެއްކަމަށެވެ. އުޞޫލެއްގެ ގޮތުން ގޯތި ދޫކުރަން ވާނީ މަގުތަކާއި ތަންތަން ހެދުމަށްފަހުގައިކަން ފާހަގަކުރައްވާ ބިންވެރިޔާ ސްކީމުގެ ތެރެއިން ކަންކަން އިސްފަސްވެފައި ހުރުމުން އުނދަގޫތަކާއި ކުރިމަތިލާން ޖެހޭކަމަށް މަތީން ވިދާޅުވިއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ނިމިދިޔަ ސަރުކާރުން ގޯތިތައް ދޫކޮށްފައިވާ ސަރަޙައްދު ސާފުކޮށް އިންވަކި ކުރުމުގެ މަސައްކަތް އެޗްޑީސީއިން އަންނަނީ ކުރަމުންނެވެ.