ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޛުކުރަމުން ދިޔަ ރ. މަޑުއްވަރީ ވިންޑްމާގޭ އަޙްމަދު އިޖާޒު (44 އަހަރު) މިރޭ ނިޔާވެއްޖެއެވެ.
ކަރެކްޝަންސްއިން ބުނީ ނޭވާލާން އުނދަގޫވެގެން އަޙްމަދު އިޖާޒު 8 މާރިޗު 2024 ގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިއުމުން، އޭނާ އީއާރްގައި އެޑްމިޓްކުރި ކަމަށެވެ. އަދި އަޙްމަދު އިޖާޒުއަކީ ޓީބީ ބަލި ހުރި މީހަކަށް ވެފައި، ބަލީގެ ޙާލަތު ދެރަކަމުން އޭނާ ވަނީ 9 މާރިޗު 2024 ގައި އައިޖީއެމްއެޗްގެ އައިސީޔޫ ގައި އެޑްމިޓްކޮށް، ފަރުވާ ދޭންފަށާފައި ކަމަށެވެ. އޭނާގެ ޙާލަތު ގޯސްވެ، ފަހުން ވެންޓިލޭޓަރަށް ލާފައިވާ ކަމަށްވެސް ކަރެކްޝަންސްއިން ބުނެއެވެ. އައިސީޔޫއިން އޭނާ ނިޔާވެފައިވާކަމަށް ކަނޑައަޅާފައިވަނީ މިރޭ 23:30 ހާއިރުގައެވެ.
އަޙްމަދު އިޖާޒުއަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައެއްގައި، ތިން އަހަރު ދުވަހުގެ ޙުކުމެއް ތަންފީޛުކުރަމަށް 7 މާރިޗު 2024 ގައި ހުޅުމާލޭ ޖަލަށް ގެންދިޔަ މީހެކެވެ.
އަޙްމަދު އިޖާޒު ނިޔާވުމާ ގުޅިގެން ކަރެކްޝަންސްއިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.