ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދޭންވީ އައްޑޫ ސިޓީއަށް ގެންނަން ބޭނުންވާ، ނައިސް ހުރި ތަރައްގީ ގެނައުމަށް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި ރޭ ބޭއްވި ކެމްޕެއިނު ޖަލްސާގައި އެ ސިޓީގެ ރައްޔިތުންނާއި މުޚާތަބުކުރައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ބޭނުންފުޅުވަނީ އައްޑޫ ސިޓީ އަކީ މާލެ އެކޭ އެއް ފެންވަރަށް ތަރައްގީ ވެފައިވާ ސިޓީއަކަށް ހެދުމަށް ކަމަށެވެ.
އެގޮތުން ނިމިދިޔަ ސަރުކާރުން ފަސް އަހަރު ދުވަސް ތެރޭގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ހިންގާފައި ނުވާކަމަށް ރައީސް ވިދާަޅުވިއެވެ. ނަމަވެސް ވެރިކަން ނިމުމަކަށް އައިސް އިންތިޚާބު ބޯމަތި ވުމުން އެ ސަރުކާރުން ވަނީ އެކި އެކި ތަރައްގީގެ މަޝްރޫއު ފެށުމުގެ މަސައްކަތް ކޮށްފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމުހޫރިއްޔާ ވަނީ ކުރިއަށް އޮތް ދެމަސް ތެރޭގައި އައްޑޫގައި އަޅަން ހަމެޖެހިފައިވާ ބްރިޖުގެ އަމަލީ މަސައްކަތް ފެށިގެން ދާނެކަމުގެ ޔަގީންކަން ދެއްވާފައިއެވެ.
އަދި، އައްޑޫ އަތޮޅުގެ ހުރިހާ ރަށެއްގެ ފެނުގެ ނިޒާމު ތަރައްގީ ކުރަން މި ހަފްތާ ތެރޭގައި ހަވާލުކުރެވޭނެ ކަމަށާއި އެ ސިޓީގައި ހާލަތު ގޯސްވެފައި ހުރި މަގުތަކުގައި އަލުން ތާރު އެޅުމުގެ މަސައްކަތްވެސް ހަވާލުކުރެވިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.