ނިމިދިޔަ ސަރުކާރުން 5 އަހަރު ވަންދެން އައްޑޫގައި ތާރުއަޅަނީ ކަމަށްބުނެ ދިޔައީ ސިމެންތިވެލި އަޅާފައި ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިއަދު “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ މިއޮއް ހުރިހާ ދުވަހު އައްޑޫގައި ތާރުއަޅަނީ ކަމަށްބުނެ ކުރީގެ ރައީސް އިބްރާޙީމް މުހައްމަދު ސޯލިހް ހެއްދެވީ ބުޙުތާނު ދޮގުކަމަށެވެ. އަދި 5 އަހަރު މަގުތައްް ކޮނެ ރައްޔިތުންނަށް އެތައް ތަކުލީފެއް ކުރިމަތި ކޮށްފައި ފައިބައިގެން ދިޔައީ ތާރުކަމަށްބުނެ ސިމެންތިވެލި އަޅާފައި ކަމަށް ސައީދު ވަނީ ވިދާޅުވެފަ އެވެ.
“5އަހަރު މަގުތައްކޮނެ ރައްޔިތުންނަށް އެތައް ތަކުލީފެއްކުރިމަތި ކޮއްފަ ފައިބައިގެންދިޔައީ ތާރުކަމަށްބުނެ ސިމެންތިވެލިއަޅާފަ. ދެރައީ އަދިވެސް މިސްރާބޭކިޔާތީ” – ސައީދު
ރޭ އައްޑޫ ސިޓީ ހިތަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވުނު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އައްޑޫ ސިޓީގެ މަގުހެދުމުގެ މަޝްރޫޢަށް ބަދަލު ގެންނަވައި, ސިމެންތި ލޭޔަރު އަޅަން ނިންމާފައިވާ 60 ކިލޯމީޓަރުގެ ސަރަހައްދުގައި ތާރު އަޅުއްވާނެ ކަމަށާއި އެމަޝްރޫޢަށް 18 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ވިދާޅުވެފަ އެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުން އައްޑޫގެ މަގުތައް ހެދުމަށް ފަށާފައިވާ މަޝްރޫޢު ރާވާފައިވަނީ 100 ކިލޯމީޓަރުގެ މަގުގެ %60 ސިމެންތި އަޅަން ކަމަށެވެ. އެހެންމަވެސް އެގޮތަށް މަގު ހެދުމުން ވަރަށް އަވަހަށް މަގު ހަލާކުވެ, އަލުން މަގު މަރާމާތުކުރަންޖެހޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
އައްޑޫގެ މަގުހެދުމުގެ މަޝްރޫއު މިދިޔަ ސަރުކާރުން ހަވާލުކުރީ އިންޑިއާގެ ކުންފުންޏަކާއެވެ. މި މަޝްރޫއުގެ ދަށުން އައްޑޫސިޓީގެ 100 ކިލޯމީޓަރުގެ މަގުގެ ސަރަހައްދު ހެދުމަށް އޮތް ނަމަވެސް ނިމިދިޔަ ސަރުކާރުން ވަނީ އެތަނުން ހަމައެކަނި 40 ކިލޯމީޓަރުގެ ސަރަައްދެއްގައި ތާރަ އެޅުމަށްފަހު ބާކީއޮތް 60 ކިލޯމީޓަރުގެ ސަރަހައްދުގައި ސިމެންތިލޭޔަރެއް އެޅުމަށް ނިންމާފައެވެ.