އެމްޑީޕީއިން ކުރަމުން ގެންދާ އެންޓި-ކެމްޕެއިނާއި މެދު ކަންބޮޑުވާކަމަށާއި، އެ މައްސަލަ މިހާރު އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާކަމަށް ޕީޕީއެމް/ޕީއެންސީގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ އެމްޑީޕީގެ ސިޔާސަތު ވިއްކުމުގެ ބަދަލުގައި އެންޓި ކެމްޕެއިން ކުރުމަކީ ޤާނޫނާއި ހިލާފުކަމެއް ކަމަށެވެ. އަދި މާލޭގެ މަގުތަކުގައި ދަމާފައިހުރި ބެނާތަކާއި ޕޯސްޓަރުތަކުގައި އެންޓި ކެމްޕޭނަށް މަގުފަހިވާ އެތައް ކަމެއް ފެނިފައިވާކަމަށް ހީނާ ވަނީ ވިދާޅުވެފަ އެވެ.
އެހެންކަމުން އެމްޑީޕީއިން އެންޓި ކެމްޕެއިން ކުރަމުންދާ މައްސަލަ ޕީޕީއެމް/ޕީއެންސީގެ ފަރާތުން އީސއަށް ހުށަހަޅާފައިވާނެކަމަށް ހީނާވަނީ ވިދާޅުވެފައެވެ.
އަދި އިންތިހާބުތަކާއި ބެހޭ ޤާނޫނާއި ހިލާފަށް ކުރަމުންދާ ދާ މިކަންކަން ބަލައިދިނުމަށް ހީނާވަނީ އިލެކްޝަން ކޮމިޝަނަށް ގޮވާލައްވާފަ އެވެ.
“އިލެކްޝަން ކޮމިޝަނާއި އަދި ކަމާބެހޭ މުއައްސަސާތަކުން މިކަންތައް ބައްލަވަންޖެހޭ. ފިޔަވަޅު އަޅުއްވަންޖެހޭ.” ހީނާ ވިދާޅުވިއެވެ.