ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުފޫޒު ބޭނުންކުރައްވައިގެން ކެމްޕެއިން ނުކުރައްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ ރައީސް ހުވާކުރެއްވި ހިސާބުން ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރަންޖެހޭ ދަތުރުތަކާއި ހިންގަވަންޖެހޭ މަޝްރޫޢުތަކާއި ކުރައްވަންޖެހޭ މަސައްކަތް ކުރެއްވުމުގެ ފުރުސަތު އެބައޮތްކަމަށެވެ.
އަދި އެންމެ ފަހުން ރައީސް ރައީސް އައްޑޫއަށް ކުރެއްވި ދަތުރުފުޅަކީ ސިޔާސީ ދަތުރުފުޅެއް ކަމަށާއި، ދަތުރުގެ ހުރިހާ ހަރަދެއް ބެލެހެއްޓީ ޕާޓީގެ އޮފީހުންކަމަށްވެސް ހީނާ ވަނީ ވިދާޅުވެފައެވެ.
އަދި ރައީސް ކުރައްވާ ދަތުރުފުޅުތަކުގައި ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވުމަށް ރައީސް ވިދާޅުވަމުންގެންދަވާކަމަށާޢި، އެކަމުގައި ވަކި ރަށެއް ތަފާތު ނުކުރައްވާކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ވެ ވަޑައިގަތް ހުރިހާ ވައުދެއް ފޮތެއްގެ ގޮތަށް ނެރެ، ފެންނަން އެބައޮތްކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.