- Advertisement -ad image

ޑޮލަރުގެ އަގު ދެން އުފުލިގެނެއް ނުދާނެ: ރައީސް

ad image

ގުޅުންހުރި ލިޔުންތައް


ޑޮލަރުގެ އަގު މައްޗަށް ދިއުމުގެ ބަދަލުގައި ދެން ފެންނާނީ ޑޮލަރުގެ އަގު ތިރިއަށްދާ މަންޒަރުކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ފުވައްމުލައް ސިޓީގެ ކެންޑިޑޭޓުންނާއެކު ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އިޤްތިޞާދީ މިނިވަންކަން ކަށަވަރުކުރުމުގެ މަސައްކަތާއެކު އިޤްތިޞާދު ވަރުގަދަވަމުން އަންނަކަމަށެވެ. އަދި ސަރުކާރުން އެޅުއްވި އިޤްތިޞާދީ ފިޔަވަޅުތަކާއެކު ޑޮލަރުގެ އަގު މައްޗަށް ނުގޮސް، ހިފެހެއްޓިފައިވާކަމަށެވެ. މީގެއިތުރުން ދިވެހި ފައިސާގެ އަގުވެސް އުފުލެމުން އަންނަކަމަށާއި، އިންވެސްޓަރުންގެ އިތުބާރުވެސް ބޮޑުވެ، ދައުލަތުގެ އާމްދަނީވެސް އިތުރުވަމުން އަންނަކަމަށްވެސް ރައީސް ވިދާޅުވިއެވެ.

“ޑޮލަރުގެ އަގު އިންތިހާއަށް ނާރާނެ މައްޗަކަށް. ހިފެހެއްޓިފައި ހުންނާނީ. ކުރިއަށްވުރެ ދަށަށް ދާނީ. ފައިސާގެ އަގުދަނީ މައްޗަށް. އަޅުގަނޑުމެންގެ އިޤްތިޞާދުގައި އެދަނީ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އަންނަމުން. ރާއްޖެއަށް ލިބޭ އާމްދަނީ އެދަނީ އެތައް ގުނައަކުން އިތުރުވަމުން.”ރައީސް ވިދާޅުވިއެވެ.
ސަރުކާރާއި ހަވާލުވެވަޑައިގެންނެވިއިރު ބޭރުގެ ލޯނުތައް ދެއްކުމަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ 2 މިލިއަން ޑޮލަރުކަމަށާއި، ނަމަވެސް ސަރުކާރުގެ މަސައްކަތާއެކު އެ ފަންޑަށް މިހާރު 35 މިލިއަން ޑޮލަރު ޖަމާވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ 4 މަސް ދުވަހުގެ ތެރޭގައި އިޤްތިޞާދީގޮތުން ކުރިއެރުންތައް ހޯދީ ފައިސާ ޗާޕް ނުކޮށްކަމަށެވެ. އަދި ފައިސާ ޗާޕްކުރުމަކީ ކުރީ ސަރުކާރުން އެންމެ ފަސޭހައިންކުރި ކަންތައްކަމަށާއި، އެގޮތުން 8000 މިލިއަން ރުފިޔާ ފަސް އަހަރު ތެރޭގައި ޗާޕުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފައިސާ ޗާޕްކުރުމަކީ އިޤްތިޞާދަށް ލިބޭނެ ބޮޑު ގެއްލުމަކަށްވާތީ، ފައިސާ ޗާޕް ނުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ.

މިހާރުވެސް ޢުމްރާނީ ތަރައްޤީގެ މަޝްރޫއުތަކުގައި ސޮއިކުރެވެމުންދާކަމަށާއި، މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ބޮޑެތި ޢުމްރާނީ މަޝްރޫޢުތައް ފެށޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއްކަމަށާއި، ތަރައްޤިގެ ދުވެލީގައި ކުރިއަށް ދިއުމަށް ފަށާފައިވާ ދަތުރުގައި ބާރަށް ކުރިއަށް ދިއުމަށް ހުރިހާ ރައްޔިތުން އެކައްޗެއް ކިޔަންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ސަރުކާރަށް އެއްބާރުލުންދޭ ކެންޑިޑޭޓުން މަޖިލީހަށް ހޮވުމުން ކޮންމެ ރައްޔިތަކަށްވެސް ފުދުންތެރިކަން ޔަޤީންވެގެންދާނެގޮތަށް ކަންކަން ފުރިހަމަވެގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ