ނިސްބަތްވާ ޕާޓީގެ ވިޕުލައިނާ ހިލާފުވެދާނެތީ ގައުމު ހަލާކަށް ވައްޓާލަން ވޯޓުދޭނެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ނުދިނުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
މާލޭގައި ދިރިއުޅޭ އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކި ވާހަކަފުޅުގައި ރައީސް ވިދާޅުވީ, ސަރުކާރު ނޫން ކެންޑިޑޭޓުން ހޮވައިގެން މުހިންމު ކަމަކަށް ސަރުކާރުން ވޯޓަށް އަހާ ވަގުތު ޕާޓީއިން އެގޮތް ބޭނުން ނުވެގެން ވޯޓު ދޭނީ އެކަމަށް ހުރަސް އަޅަން ކަމަށެވެ.
ރައީސް ވިދާޅުވީ ނަތީޖާ ނެރެން ބޭނުން ނަމަ ބޭނުންވަނީ ޕާޓީގެ ވިޕްލައިނަކާ ގުޅިގެން އެކަމަށް ހުރަސް ނާޅާނެ ކެންޑިޑޭޓުން ހޮވުމަށް ކަމަށެވެ.
ވޭތުވެދިޔަ މާޒީގައި އައްޑޫގައި 20 އަހަރު 15 އަހަރު 10 އަހަރު އެކި ބޭފުޅުންނަށް ފުރުސަތު ދީގެން މަޖިލީހުގައި ތަމްސީލް ކުރިނަމަވެސް ނަތީޖާ ނުނުކުންނަ ކަމަށާއި އެކަމާ އައްޑޫ ރައްޔިތުން ތިބީ މާޔޫސް ވެފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން އައްޑޫއަށް ވާދަކުރައްވާ ކެންޑިޑޭޓުންނަކީ އިހުލާސްތެރިކަމާއެކު ނަތީޖާ ނެރެދޭނެ ބޭފުޅުން ކަމަށެވެ. އަދި, މި ވެރިކަމުގައި މާލެއާ އެއް ފެންވަރަށް އައްޑޫ ތަރައްގީކުރައްވާނެ ކަމަށް ވިދާޅުވާ ވާހަކަ ރައީސް ތަކުރާރު ކުރެއްވިއެވެ.
“އަޅުގަނޑު ބޭނުން މާލެއާ އެއް ފެންވަރަށް އައްޑޫ ތަރައްގީކުރައްވަން. އެކަން ކޮށްދެއްވާނަން އިރާދަކުރެއްވިއްޔާ މި ފަސް އަހަރު ތެރޭގައި,” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ, އެކަން ކުރުމަށް މިހާރު ވެސް ގިނަ ކަންކަން ފެށިފައިވާ ކަމަށާއި ނަމަވެސް މަޖިލީހުގެ އެއްބާރުލުން ނުލިބުމުން ކަންކަން ކުރަން ދަތިތައް އެބަހުރި ކަމަށެވެ.
ރައީސް އެދިވަޑައިގެންނެވީ ކަންކަމުގެ ނަތީޖާ ނެރެދޭން އައި ސަރުކާރަށް އެއްބާރުލުން ދިނުމަށް ސަރުކާރުގެ 93 ކެންޑިޑޭޓުން ހޮވައިދިނުމަށެވެ.
އަދި އައްޑޫ ސިޓީގެ 8 ގޮނޑި އަށް ސަރުކާރު ކެންޑިޑޭޓުން ހޮވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށާއި ހެނދުނު ހެނދުނާ ނިކުމެ ގޮނޑި ކަށަވަރު ކުރަން ވޯޓު އަޅާ ފޮށިތައް ފުރާލުމަށް ވެސް ރައީސް އެދިވަޑައިގަތެވެ.