އަޅުގަނޑު ވީ ކޮންމެ ރިޔާސީ ވައުދެއް ރަނުން ރަނަށް ފުއްދައިދޭނެ ކަމަށާއި ރައްޔިތުން މާދަމާ ނިކުމެ ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް ކެމްޕެއިން ނިންމާލުމުގެ ގޮތުން ބޭއްވި ހަރަކާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް އިންތިޚާބަށް ކުރިއަށްގެންދިޔަ ކެމްޕެއިން ނިންމާލުމަށް އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި އެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ޤައުމުގެ ކަންކަން ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެއްކަމަށެވެ. އަދި މާދަމާ ނެގޭ ވޯޓަކީ ޤައުމުގެ ކަންކަން ނިންމުމުގައި ވަރަށް މުހިންމު ވޯޓެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“ރައްޔިތުންގެ މަޖިލީހަކީ ޤައުމުގެ ކަންކަން ބައްޓަންކުރުމުގައި ވަރަށް މުހިންމު ތަނެއް. އެތަނަކާ ނުލައި ކަންކަން ނުނިންމޭ ތަނެއް. އެހެންވީމަ ދިވެހީންގެ ރާއްޖޭގެ މި މާތް މަޤްޞަދު ޙާޞިލުކުރުމަށްޓަކާ މާދަމާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިނެގޭ ވޯޓަކީ ވަރަށް މުހިންމު ވޯޓެއް. އަޅުގަނޑުމެންގެ ޤައުމުގެ ކަންކަން އަޅުގަނޑުމެންނަށްޓަކާ އަދި އަޅުގަނޑުމެންގެ ދަރިންނަށްޓަކާ، އަދި ދަރިންގެ ދަރިންނަށްޓަކާ ހެޔޮގޮތުގައި ނިންމުމަށްޓަކާ މާދަމާގެ ވޯޓަކީ ވަރަށް ޒިންމާދާރުކަމާ އެކީގައި ޤައުމު ދެކެ ލޯބިވާ ދިވެހި ލޮބުވެތި ރައްޔިތުން ނިންމާ މުހިންމު ނިންމުމަކަށް ހަދަންޖެހޭ.” ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ހުރިހާވެސް އަމާޒެއް އަދި މިސްރާބެއް ހުރީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދަވައިދެއްވާ، ނަތީޖާ ނެރެދެއްވުމަށްކަމަށެވެ. އަދި ރައްޔިތުންނަށް ގެނެސްދޭން ބޭނުންވާ ތަރައްޤީ އެގޮތުގައި ގެނެސްދިނުމުގައި މަޖިލީހުގެ ދައުރު މުހިންމުކަން ފާހަގަކުރައްވާ، ސަރުކާރާއި ގުޅިގެން މަސައްކަތްކުރައްވާނެ އަދި އެއްބާރުލުން ދެއްވާނެ މެންބަރުންތަކެއް މަޖިލީހަށް އިންތިޚާބުކުރުން މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.