ވީހާވެސް އަވަހަށް ނިކުމެ ވޯޓުގެ ކަންކަން ކުރިއަށް ގެންގޮސް، އަވަހަށް ނިންމުމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް އެދިވަޑައިގެންފިއެވެ.
ވޯޓުގެ އެންމެ ފަހުގެ ތައްޔާރީތަކާއި ގުޅޭ މަޢޫލޫމާތު ޙިއްސާކުރުމަށް އީސީން ރޭ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މިއަދު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ފަށާނީ ހެނދުނު 08:00 ގައެވެ.
މި އިންތިޚާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، 34 ރިސޯޓް، ޖަލުތަކާއި ސިނާޢީ ރަށްތަށް އަދި ރާއްޖެއިން ބޭރުގައި 3 ޤައުމެއްގައި ވޯޓު ފޮށި ބަހައްޓައެވެ. ޖުމްލަ 603 ވޯޓު ފޮށި ބަހައްޓާކަމަށް އިލެކްޝަން ކޮމިޝަންއިން މަޢުލޫމާތުދެއެވެ.
ފުއާދު ވިދާޅުވީ، ވޯޓުލާ މަރުކަޒުތައް ތައްޔާރުކުރުމާއި އިދާރީގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކަށް އިލެކްޝަން ކޮމިޝަނުން ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ. މިއަދު ރައްޔިތުންގެ އެންމެ ބޮޑު ޒިންމާއަކަށް ވާންވާނީ އަވަހަށް ގޮސް، ވޯޓުލުމުގެ ކަންކަން ނިންމުންކަމަށް ފުވާދު ވިދާޅުވިއެވެ.
އީސީން ވަނީ އެއް ފޮށްޓަކަށް ވޯޓު ލާ މީހުންގެ އަދަދު މަދުކޮށްފައެވެ. މިހާރު ކަނޑައަޅާފައިވާގޮތުން ފޮށްޓަކަށް ގިނަވެގެން ވޯޓު ލާނީ 500 މީހުންނެވެ. މިއީވެސް ގިނައިރު މީހުން ކިއުގައި މަޑުކުރަން ނުޖެހި ވޯޓު ލެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ގެނެސްފައިވާ ބަދަލެއްކަމަށް ފުއާދު ވިދާޅުވިއެވެ.
“8 ޖަހާއިރު، ވޯޓުލުން ފަށާނެ. 17:30އަށް ފޮށިތައް ބަންދުކުރާނެ. ގަޑި އިތުރެއް ނުކުރާނަން. އެހެންވީމަ ވަގުތުގައި ގޮސް ވޯޓުލާންވާނެ.” ފުއާދު ތައުފީޤް ވިދާޅުވިއެވެ.