ސަލާމަތީ ކަންކަން އިތުރަށް ފުރިހަމަކުރުމަށްޓަކާ މިފަހަރުގެ އިންތިޚާބުގައިވެސް ފުލުހުން ބޮޑީވޯން ކެމެރާ ބޭނުންކުރުމަށް ނިންމާފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
އިންތިޚާބު އަމަންކަމާއެކު ގެންދިއުމަށް އަމާންކަން ބެލެހެއްޓުމަށް ފުލުހުންގެ ޚިދުމަތުންވެސް ފުރިހަމައަށް ވަނީ ތައްޔާރުވެފައެވެ. އެގޮތުން ފުލުހުންގެ އެލަރޓް ދަރަޖަ އެންމެ މަތިކޮށް، “އޮޕަރޭޝަން ބްލޫ ޓައިޑް”ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ.
ފުލުހުންގެ ޚިދުމަތުގެ ކޮމާންޑަރ ޝަރީފް ވިދާޅުވީ، އިންތިޚާބާ ގުޅިގެން ވޯޓު ފޮށި ބަހައްޓާ މަރުކަޒުތައް ބެލެހެއްޓުމަށް ބޭނުންވާ ފުލުހުން އެކި ސަރަޙައްދުތަކަށް މިހާރު ފޮނުވާފައިވާކަމަށެވެ. އަދި ވޯޓުލާ ވަގުތު ފުލުހުން ޓްރެފިކަށް ގެންނަ ބަދަލުތަކަށް އާއްމުން އެއްބާރުލުން ދިނުމަށް ވަނީ އެދިފައެވެ. މިއަދު މަގުތަކުގައި ބަރު އުޅަނދުތައް ދުއްވުންވެސް ވަނީ މަނާކޮށްފައެވެ.
“އަތޮޅުތަކަށް އިތުރަށް 322 ފުލުހުން ވަނީ ފޮނުވާފައި. އަދި މާލޭގައިވެސް އިތުރު 266 ފުލުހުން އޮޕަރޭޝަނަށް ވަނީ ނެރެފައި. އެލަރޓް ސްޓޭޓަސް ވަނީ އެންމެ މަތިކޮށްފައި. އަދި އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދެންޖެހޭ ޙާލަތަކަށް އެމްއެންޑީއެފްވެސް ވަނީ އެލަރޓަށް ގެނެސްފައި.” ފުލުހުންގެ ޚިދުމަތުގެ ކޮމާންޑަރ ޝަރީފް ވިދާޅުވިއެވެ.
ވޯޓުލާން ދާއިރު، ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނާއި މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުން އަދި އެކިއެކި ޔުނިފޯމް ބޮޑީތަކުގައި މަސައްކަތް ކުރާ މީހުން ކިއުގައި ޖެހޭކަށް ނުޖެހޭނެއެވެ. އަދި ވޯޓުލާން ދާއިރު ކާކުކަން އަންގައިދޭ ރަސްމީ ލިޔެކިޔުން ގެންދިއުމަށް އީސީން ވަނީ ހަނދާންކޮށްދީފައެވެ.
ވޯޓު ގުނަން ފަށާނީ އެ ފޮއްޓަކަށް ވޯޓުލާ ނިމުމަށްފަހު 30 މިނެޓު ފަހުންނެވެ.