މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހދ ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކޮށް އިންތިހާބު ކާމިޔާބު ކުރެއްވި މުހައްމަދު ރަޝީދު ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.
މުހައްމަދު ރަޝީދު އިންތިހާބު ކާމިޔާބު ކުރެއްވީ ނޮޅިވަރަމް ދާއިރާއަށް ވާދަކުރެއްވި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ.
ރޭވެސް ވަނީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކޮށް ގޮނޑި ހޯއްދެވި ހަ މެންބަރަކު ޕީއެންސީ އާއި ގުޅިވަޑައިގެންފައެވެ.
ޕީއެންސީއާ އަލަށް ގުޅިވަޑައިގެންނެވި މެންބަރުން:
ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ
ޙަސަން ޒަރީރު – މަތިވެރި ދާއިރާ
އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ
ޔާސީން ޢަބްދުﷲ – ނައިފަރު ދާއިރާ
ޢާޒިމް ޢަބްދުލް ޢަޒީޒް – ވިލިނގިލި ދާއިރާ
20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީޕަލްސް ނެޝެނަލް ކޮންގްރެސް، ޕީ.އެން.ސީގެ ފަރާތުން 90 ދާއިރާއަކަށް ވާދަކުރެއްވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާދައްކާގޮތުން މީގެ ތެރެއިން 66 ކެންޑިޑޭޓުން ވަނީ އިންތިޚާބު ކާމިޔާބުކުރައްވާ ދާއިރާގެ ގޮނޑި ކަށަވަރުކުރައްވާފައެވެ. މިއީ މިހާތަނަށް ނަތީޖާ ދައްކާގޮތުން 20 ވަނަ މަޖިލީހުގެ ސުޕަރ މެޖޯރިޓީއެވެ. ސުޕަރ މެޖޯރިޓީއަށް ބޭނުންވާނީ 63 ގޮނޑިއެވެ.
ޕީ.އެން.ސީއާ އަލަށް ގުޅުނު މި 7 މެންބަރުންނާއެކު، ކުރިއަށްއޮތް 20 ވަނަ މަޖިލީހުގައި އެޕާޓީ ތަމްޞީލުކުރާނެ މެންބަރުގެ އަދަދު މިހާރު މިވަނީ 73 އަކަށް އަރާފައެވެ. މީގެ އިތުރުން ސަރުކާރާއެކު މަސައްކަތް ކުރާ ޕާޓީތަކުގެ ލީޑަރުން ކާމިޔާބު ކުރެއްވި ގޮނޑިތައް ހިމެނޭހެން ޖުމްލަ 75 ގޮނޑި މި އިންތިޚާބުގައި ސަރުކާރަށް ވަނީ ކަށަވަރުކުރެވިފައެވެ. މިއީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތެވެ.