ލ. އަތޮޅު ފޮނަދުއާއި ގަން، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުގައި ސިޓީއަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް ލިބުނު ކާމީޔާބީ ފާހަގަކުރުމަށް މިއަދު ހަވީރު ފޮނަދޫގައި ބޭއްވި ސައިކަލް ބުރަށް ފަހު ރައްޔިތުންނާއި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، އޭނާ ދެން އެންމެ ދެކެން ބޭނުންވަނީ ގަން ފޮނަދޫ ސިޓީއަކަށް ބަދަލުވެގެންދާތަން ކަމަށެވެ. އަދި މި ސަރުކާރުގެ 5 އަހަރުގެ ދައުރު ނިމުމުގެ ކުރިން ގަމާއި ފުނަދޫ ސިޓީއަކަށް ބަދަލުކޮށްދެއްވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
“އަޅުގަނޑު ދެކެން ބޭނުންވަނީ ގަން ފޮނަދޫ ސިޓީއަކަށް ވެގެންދާ ތަން. އިރާދަކުރެއްވިއްޔާ ދެން އަންނަ ލޯކަލް ކައުންސިލް އިންތިޚާބެއްގައި މި ތަނުގައި ބޭއްވޭނީ މޭޔަރުކަމުގެ އިންތިޚާބު. ސިޓީއެއްގެ ދަރަޖައަށް މި ތަން ބަދަލުކުރެވި މި ތަނުގައި އަޅުގަނޑުމެން އިންތިޚާބުކުރާނީ ގަން ފޮނަދޫ ސިޓީގެ މޭޔަރު،” ފައިސަލް ވިދާޅުވިއެވެ.
އެ ދެ ރަށް ސިޓީއަކަށް ބަދަލުކުރުމަށްޓަކައި ބޭނުންވާ ތަރައްޤީގެ ހުރިހާ ކަމެއް ސަރުކާރުން ޤާއިމުކުރައްވާނެކަމުގެ ޔަޤީންކަން ފައިސަލް ވަނީ ދެއްވާފައެވެ. އެގޮތުން ހޮސްޕިޓަލްތަކާއި، ބޯހިޔާވަހިކަމާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމާއި، ޒުވާނުންނަށް ކުޅިވަރު ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ސަރުކާރުން ޤާއިމުކުރައްވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ފައިސަލް ވަނީ ރާއްޖޭގެ ސިޔާސީ ބާރުވެރިކަން މިހާރު އޮތީ ލ. އަތޮޅާއި ހިސާބަށް އައިސްފައި ކަމަށާއި އެކަން ގެނެސްދެއްވީ ރައީސް މުއިއްޒު ކަމަށް ވިދާޅުވެފައެވެ.
އަދި ހަމައެއާއެކު މި ފަދަ ކާމިޔާބެއް ސަރުކާރަށް ހޯދައިދިނީތީ ޕީއެންސީގެ ނަމުގައި ފައިސަލް ވަނީ ލ އަތޮޅު ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ.