އުފެއްދުންތެރި މަޝްވަރާތަކާއެކު ގުޅުން ބަދަހިކޮށް، އިންޑިޔާގެ ހަރުދަނާ ސަގާފަތް ތަޖުރިބާކުރުމަށް އުންމީދުކުރައްވާކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޒަމީރު އިއްޑިއާއަށް ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.
ދެ ދުވަހުގެ މުއްދަތަކަށް މިނިސްޓަރު ޒަމީރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރާއި އެ މިނިސްޓްރީގެ އިސްވެރިންނާއި ބައްދަލުކުރައްވާނެއެވެ.
މިނިސްޓަރ ފުރާވަޑައިގަތުމުގެ ކުރިން ރޭ މީޑިއާތަކާއި ވާހަކަދައްކަވަމުން ވަނީ މި ދަތުރަކީ ހާރިޖީ ވަޒީރުގެ ހައިސިއްޔަތުން ގައުމަކަށް ކުރާ ފުރަތަމަ ބައިލެޓްރަލް ރަސްމީ ދަތުރު ކަމަށާއި ދަތުރުގެ އެންމެ ބޮޑު ބޭނުމަކީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަށް ޕޮޒިޓިވް އެނާޖީއެއް ގެނައުން ކަމަށް ވިދާޅުވެފައެވެ. އަދި އެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް މަގުކޮށޭނެ ދަތުރަކަށް ވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވީ އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތައް ދެ ސަރުކާރު ގުޅިގެން ވީހާ ވެސް ހަލުވި, އަދި ބާރު މިނެއްގައި ކުރިއަށް ގެންދަން ދަތުރުގައި އިސްކަން ދެއްވާނެ ކަމަށާއި، އަދި ހާއްސަކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އިންޑިއާއިން ނަގާފައިވާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދުމަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ.