އިސްލާމީ އުސޫލުތަކަށް ކަމޭހިތާ، އުޅުންހުރި ޖީލެއް ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފި އެވެ.
ރާއްޖޭގެ ކުޑަކުދީންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވީ ބަވަނަވަމުން މިދާ ދުނިޔެއަށް ހަލުވިކަމާއެކު އަންނަ ބަދަލުތަކާއި، ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކަށް ދަރީން އަހުލުވެރިކުރުވަން ވާނީ ނުހަނު ހުޝިޔާރުވެ ތިބެ ކަމަށާއި ޒަމާނީ ކޮންމެ އޮއިވަރަކާއެކު އަންނަ ނުކިއްސަރު ކަންކަމުން ދަރީން ދަފަރާ ކުރާން ހޭލުންތެރިވެ ތިބެންޖެހޭ ކަމަށެވެ.
“ދިވެހި ލޮބުވެތި ކުޑަކުދީން ބޮޑެތި ކުރާންވާނީ، އިސްލާމީ އުޞޫލުތަކަށް ކަމޭހިތައި، ދިވެހިވަންތަކަމަށް ލޯބިކުރާ، ޤައުމު އިސްކުރާ، ގޮތްހުރި އުޅުންހުރި ޖީލެއްގެ ގޮތުގައެވެ. މިއީ، އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ،” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށަށް ކުރާ ޒިޔާރަތުގައި އެ ރަށްތަކުގައި ކުޑަކުދިންގެ ޕާކު ހަދަން އެދޭ ކަން ފާހަގަކުރައްވައި އެފަދަ ތަންތަން ބިނާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުތުބުހާނާތައް ބިނާކުރާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.
މިއަދު ރާއްޖޭގައި ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަމުންދާއިރު، ފަލަސްތީނުގައި އަނިޔާލިބެމުންދާ ކުޑަކުދިންގެ މަތިން ހަނދާން ކުރައްވާ ރައީސް މުއިއްޒު ވަނީ އެއީ ހިތާމަވެރި އަސަރުކުރުވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
“އިޒްރޭލުގެ އަނިޔާވެރި އަތްތަކުގެ ޝިކާރައަކަށްވެ، ޙަޔާތުގެ ޅަނދޮޅު ފޯވަހީގެ އެންމެ ހިތްފަހި ދުވަސްތަކުގެ އުފަލާއި، ތަޢުލީމާއި، ޢާއިލީ ލޯބިން މަޙްރޫމްވަމުން އެދާ މަޢުޞޫމް ކުދީންނަކީ ހަމަ އަޅުގަނޑުމެންގެވެސް ދަރީންނެވެ. އެ ކުދީންގެ ތެރެއިން ޝަހީދުވާ ކޮންމެ ކުއްޖަކަށް ސުވަރުގޭގައި ކީރިތިﷲ ވަޢުދުވެވޮޑިގެންފައިވާ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އަނިޔާލިބި ގެދޮރާއި ސަހަރޯވެރީން ގެއްލި ނިކަމެތިވަމުންދާ ކޮންމެ ކުއްޖަކަށް ކީރިތި ﷲގެ ރަޙްމަތާއި މަދަދުގެ ހާސްދޮރު ހުޅުއްވާށިއެވެ،” ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.
ރާއްޖޭގައި ޤައުމީ ފެންވަރުގައި ކުޑަކުދީންގެ ދުވަސް ފާހަގަކުރަން ފެށީ 1979 ވަނަ އަހަރު އެވެ.



