ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން ކ. ހިންމަފުށީގައި މަސައްކަތްކުރާ 532 ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ ނަގާފައިވާކަމަށް ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ކުރެއްވި ޕޯސްޓެއްގައި ވަނީ ކ. ހިންމަފުށީގައި މސައްކަތް ކުރާ މި ބިދޭސީންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަން ހެދޭވަރު ފޮޓޯ މިހާރު ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު ބަލަހައްޓާ ސިސްޓަމަށް އަޕްލޯޑްކުރެވިފައިވާ ކަމަށެވެ. އަދި އެކަމަށް ހިންމަފުށީ ކައުންސިލުން ދޭ އެއްބާރުލުމަށް މިނިސްޓަރ ވަނީ ޝުކުރު ދަންނަވާފައެވެ.
މީގެއިތުރުން ދާދި އަވަހަށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި އެއްފަހަރާ އޮޕަރޭޝަން ފެށޭނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ހިންމަފުށީގައި މި އޮޕަރޭޝަން ފައްޓަވައިދެއްވަމުން މިނިސްޓަރ އިހުސާން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ތިން އަހަރު ދުވަހުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
އަދި އެކި މައްސަލަތަކުގެ ސަބަބުން އެހެން ކުންފުންޏަކަށް ބިދޭސީ މީހާ ބަދަލުވުމަކީ ވެސް ގަވާއިދާ ޚިލާފުވުންކަން ފާހަގަ ކުރައްވައި މިނިސްޓަރ ވަނީ އެގޮތަށް މިހާރު ބަދަލުވެފައިވާ ފަރާތްތަކަށް ފުރަތަމަ މަރުހަލާގެ ތެރެއިން ވެސް ނިޒާމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ފަހިވާނެ ކަމަށް ވިދާޅުވެފައެވެ.



