އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލިޔަސް ދެ ޤައުމުގެ ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ގައުމަށް ފޮނުވާލެވިފައިވާކަން ރަސްމީކޮށް ހާމަކުރެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޒަމީރު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލިޔަސް ދެ ޤައުމުގެ ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެކަމަށާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އެގޮތުގައި ދެމި އޮންނާނެކަމަށެވެ.
މީގެއިތުރުން މިނިސްޓަރ ޒަމީރު ވަނީ އިންޑިއާ ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ގެނައީ އުޅަނދު އުފެއްދި ކުންފުނި ކަމަށްވާ ހިންދުސްތާން އެއަރރޮނޮޓިކްސް ލިމިޓެޑްގެ މުވައްޒަފުންކަމަށް ވިދާޅުވެފައެވެ.
ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ގެނައި އިންޑިއާގެ ސިވިލިއަނުން ރާއްޖޭގައި ތިބުމަކީ އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމްވެފައި ތިބުމާއި އެއްފަދަ ކަމެއްގެ ގޮތުގައި ސިފަކޮށް، ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާތީ މިނިސްޓަރ ވަނީ އެކަމަށްވެސް ޖަވާބުދެއްވާފައެވެ.
އެގޮތުން މިނިސްޓަރ ވަނީ ރާއްޖޭގައި އެކި މަސައްކަތްތައްކުރުމަށް ގިނަ އަދަދެއްގެ އިންޑިއާގެ ރައްޔިތުން ދިރިއުޅޭކަމަށާއި އަދި އެމީހުންގެ ސަބަބުން ޤައުމީ ސަލާމަތަށް މިހާތަނަށް ނުރައްކާވެފައި ނުވާކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ހެލިކޮޕްޓަރު އޮޕަރޭޓުކުރުމަށް ސިވިލިއަނުން ތިބެގެން ޤައުމީ ސަލާމަތަށް ނުރައްކާވެދާނެކަމަކަށް ޤަބޫލު ނުކުރެވޭކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.
އިންޑިޔާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތައް އޮޕަރޭޓުކުރަން މިހާރު ރާއްޖޭގައި ހަރަކާތްތެރިވަމުންދަނީ 26 ސިވިލިއަނުންނެވެ.