ރާއްޖޭގައި ތިބި އިންޑިއާ ހުރިހާ ސިފައިން ކުރު މުއްދަތެއްގެ ތެރޭގައި ޤައުމަށް ފޮނުވާލެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހިކުމަތްތެރި ވިސްނުންފުޅުގެ ސަބަބުންކަމަށް ޑިފެންސް މިނިސްޓަރ މުހައްމަދު ޣައްޞާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިހެން ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ގައުމަށް ފޮނުވާލެވިފައިވާކަން ރަސްމީކޮށް ހާމަކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިނިސްޓަރ ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގައި ތިއްބެވީ 76 ސިފައިން ކަމަށާއި އެމީހުން ޤާއިމްވެ ތިބީ 3 މަރުކަޒެއްގައި ކަމަށެވެ. އެއީ ހދ. ހަނިމާދޫ، ސ. ގަން އަދި ލ. ކައްދޫގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓަރ ވިދާޅުވީ ދިވެހި ސަރުކާރުން ކަނޑައެޅި ސުންގަޑިކަމަށްވާ މޭ 10 ވަނަ ދުވަހުގެ ނިޔަަލަށް ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ފޮނުވާލެވިފައިވާކަމަށެވެ. އަދި މަޝްވަރާގެ އުސޫލުގެ ދަށުން، ކުރު މުއްދަތެއްގެ ތެރޭގައި އިންޑިއާގެ ހުރިހާ ސިފައިން ޤައުމަށް ފޮނުވާލެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހިކުމަތްތެރި ވިސްނުންފުޅުގެ ސަބަބުންކަމަށްވެސް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން އެމަނިކުފާނު ވަނީ، ވެރިކަމުގެ ހުވާކުރެއްވުމަށްފަހު ޖެހިގެން އައި ދުވަހު، އިންޑިއާ ސިފައިން ގެންދަން ރަސްމީކޮށް އެ ގައުމުގައި އެދިވަޑައިގެންފައެވެ.



