ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ހެދުމަށް ޗައިނާ ސަރުކާރާ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓަރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްއެވެ. އަދި ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވަންގް ލީޒިންއެވެ
ވިލިމާލޭގައި ތަރައްގީކުރަން ނިންމައިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަށް ޗައިނާގެ ހިލޭ އެހީ ހަމަޖެހިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ ޖެނުއަރީ މަހު ވިދާޅުވެފަ އެވެ. އެ މަޝްރޫއު ގައި މިހާރު ކުރިއަށް ދަނީ ޑިޒައިންއާ ޓެކްނިކަލް މަސައްކަތްތައް ކަމަށް ވިދާޅުވި އެވެ.
ރައީސް ވަނީ ވިލިމާލޭގެ ސިއްހީ ހިދުމަތް ރަނގަޅު ކުރުމަކީ ވަރަށް އިސްކަންދޭ ސިޔާސަތެއް ކަމަށާއި މިހާތަނަށް ހައްލު ނުވެ އޮތް އެ މުހިއްމު މައްސަލަ ހައްލު ކޮށްދެއްވާނެ ކަމަސް ވިދާޅުވެފައެވެ.
އަދި ހޮސްޕިޓަލް އެޅުމަށް ބިން ކަނޑަަައަޅާފައިވާ ކަަމަށާ ޑިޒައިންއާ އެހެނިހެން މަސައްކަތް ނިމި ހޮސްޕިޓަލް މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.



