ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ނައިބް ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމް އިންތިހާބުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުށަހަޅުއްވައިފިއެވެ.
ރައީސް ޑރ. މުއިއްޒު، މި ދެ ނަން ހުށަހެޅުއްވީ މުލިއާގޭގައި މިއަދު ހަވީރު ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވި ގިނަ އަދަދެއްގެ މެމްބަރުންނާއި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ދެ ބޭފުޅުންނަކީ ވެސް ރައްޔިތުންގެ މަޖިލީހުގެ 74 މެންބަރުންނާއެކު މަޖިލީހުގެ ސުޕަ-މެޖޯރިޓީ ލިބިފައިވާ ޕީއެންސީގެ ދެ މެމްބަރުންނެވެ.
އެ ބައްދަލުވުމުގައި ރައީސް ވަނީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކަށް އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ފަލާހް އައްޔަން ކުރެއްވުމަށް ހުށަހަޅުއްވާފައެވެ. އަދި ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ބާރަށު ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ޝުޖާއުގެ ނަން ހުށަހެޅުއްވިއެވެ.
މީގެއިތުރުން ޑެޕިއުޓީ ޕީޖީ ލީޑަރުންގެ ގޮތުގައި ތިން ބޭފުޅެއްގެ ނަންވެސް ރައީސް ހުށަހެޅުއްވިއެވެ.
އެގޮތުން ޑެޕިއުޓީ ޕީޖީ ލީޑަރުންގެ ގޮތުގައި ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ތޯރިގު (ޓޮމް)، ހުޅުދޫ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު ޝާހިދު (ޝާޑް) އަދި ވިލިމާލެ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު އިސްމާއީލްގެ ނަމެވެ.
ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލިސް ސުޕާ މެޖޯރިޓީ އާއެކު މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ކާމިޔާބުކޮށްފައިވާއިރު އެ ޕާޓީން ބޭނުންވާ ބޭފުޅަކަށް އެ މަޖިލިހުގެ ރައީސްކަމާއި ނައިބު ރައީސްކަން ލިބޭނެއެވެ.



