ޤުރުއާން ހިތުދަސްކުރާ މީހުންގެ އިމްތިހާނު މުރާޖާކުރަން މާލެ ދާން ނުޖެހޭ ގޮތަށް “ހާފިޒުން އިމްތިހާނުކުރުމުގެ އުސޫލު” ބަދަލުކޮށްފި އެވެ.
މިދިޔަ ބުދަ ދުވަހު އެ އުސޫލަށް ބަދަލު ގެނައުމަށް ފަހު ގެޒެޓްގައި ވަނީ ޝާއިއު ކޮށްފައެވެ. އެ އުސޫލުގައި ބުނެފައިވާ ގޮތުން އައިޔޫއެމްއިން ކިޔަވާ ހާފިޒަކަށް ވުމުން އިތުރު އިމްތިހާނެއް ހަދާކަށް ނުޖެހެއެވެ.
އަދި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގައި ރަޖިސްޓްރީކޮށްގެން ހިންގާ ގުރުއާން ހިތުދަސްކޮށްދޭ ކްލާހެއްގައި އުޅޭ ދަރިވަރަކު ހާފިޒުކަމުގެ އިމްތިހާނުކޮށްދިނުމަށް އެދި، ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒަށް ނުވަތަ އެ މަރުކަޒުން ކަނޑައަޅާފައިވާ ކޮމިޓީއަށް ހުށަހެޅުމުން އެ ދަރިވަރަކު އިމްތިހާނުކޮށްދޭނެ އެވެ.
މީގެ ކުރިން އޮންނަ ގޮތުން، ގުރުއާން ސެންޓަރު ފިޔަވާ ކޮންމެ ތަނަކުން އިމްތިހާނު ހެދިކަމުގައި ވިޔަސް، އަލުން އިމްތިހާނު ހަދަން ޖެހެއެވެ.
މީގެއިތުރުން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ގުރުއާން ކިޔަވައި، އެ ޔުނިވާސިޓީއިން ހާފިޒް ކަމުގެ އިމްތިހާން ހަދާ ފަރާތްތަކަށް އިތުރު އިމްތިހާނެއް ދިނުމަކާ ނުލައި އެއީ ހާފިޒުންގެ ގޮތުގައި ބަލައިގަންނަ ގޮތަށް ހާފިޒުން އިމްތިހާނު ކުރުމުގެ އުސޫލަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ.
ހާފިޒުން އިމްތިހާނުކުރާ އުސޫލަށް ގެނެވުނު ބަދަލާ ގުޅިގެން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ، ރަށްރަށުގައި ތިބެ ގުރުއާން ދަސްކޮށްގެން ހަމައެކަނި އިމްތިހާނަށް މާލެ ދާ ގޮތަށް އަދި އިސްލާމިކް ޔުނިވާސިޓީގައި ގުރުއާން ދަސްކޮށް، އެތަނުން އިމްތިހާނު ހަދާ ދަރިވަރުން އިތުރު އިމްތިހާނަކާ ނުލައި ހާފިޒުންގެ ގޮތުގައި ބަލައިގަތުމަކީ ދަރުވަރުންނަށް ލިބޭ ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމަށެވެ.



